ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އަނބިކަނބަލުން ހައްޔަރުކޮށްފައި އޮންނަ ގޮޅިއަށް ރޭގަނޑު ފިރިހެނުން ވަދެ ތިބޭ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ސ. ހުޅުދޫ، ކާމިނީގޭ ފާތިމަތު ނާސިރާ ފުލުހުން ހައްޔަރުކުރީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އަދި އޭނާ މިވަގުތު ހައްޔަރުގައި ހުރީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫގައެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ހޯޕް ފޮ ވިމެން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުން ހައްޔަރު ކޮށްފައިވާ ނާސިރާ، ބަހައްޓާފައި ހުންނަ ގޮޅީގެ ތެރެއަށް ރޭގަނޑު ފިރިހެނުން ވަދެ ފަތިސް ވަންދެން ތިބޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެއީ ގާނޫނު އަސާސީ އާއި އެންޓި ޓޯޗާ ގާނޫނާ ޚިލާފު ކަމަކަށްވާތީ، އެ ޖަމްއިއްޔާގެ ފަރާތުން އެ މައްސަލަ އެޗްއާރުސީއެމް އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅީ ކޮން ދުވަހަކު ކަމެއް ބުނެފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހައްވާ ވަޖުދާ ގާސިމް މިއަދު 'ސަން' އަށް ވިދާޅުވީ، ހޯފް ފޮ ވިމެން އިން އެ މައްސަލަ ހުށަހެޅުމުގެ ކުރިންވެސް، އެހެން ފަރާތަކުން ވެސް އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދަނީ ކޮން ދުވަހަކުން ފެށިގެންތޯ ސުވާލުކުރުމުން ވަޖުދާ ވިދާޅުވީ، އެއީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުން އެ މައުލޫމާތު މީޑިއާއަށް ދެވެން ނެތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ވަނީ ނުވެފައެވެ.