27 Feb 2018, 16:10
ފ. ނިލަންދޫ އެއާޕޯޓް އެޅުމުގެ ޕްރޮޖެކްޓް ހުއްޓިފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ ފަރާތްތަކުން ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ނިލަންދޫ އެއާޕޯޓަކީ އެއް އިރަކު ވެސް ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން އުޅުނު އެއާޕޯޓެއް ނޫން ކަމަށެވެ.
އެއީ ސައުދީ ސަރުކާރުން ފ. އަތޮޅަށް ގެންނަން އުޅުނު ތަރައްގީގެ ޕްރިޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެ ޕްރޮޖެކްޓް ހުއްޓުނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށެވެ.
"ރާއްޖޭގެ ބިން ވިއްކަނީއޭ އަނެއްކައްޗެކޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކާ މި ޕްރޮޖެކްޓް ރާއްޖެއަށް އައުމަށް ހުރަސް އެޅި ފަރާތަކީ އިދިކޮޅު ފަރާތްތައް." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އެހެން ވިދާޅުވި ނަމަވެސް ފ. ނިލަންދޫގައި އެއާޕޯޓު އެޅުމާއި ބިން ހިއްކުމުގެ މަޝްރޫއަށް މިދިޔަ އަހަރު 171،544،949 ރުފިޔާ ބަޖެޓްގައި ހިމެނި އެވެ. އެހެން ނަމަވެސް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ.
އަދުރޭ ވިދާޅުވީ މިވަގުތައް ރާއްޖޭގެ އެއާޕޯޓުގެ މުހިންމުކަން ހުރި ހިސާބުތަކުގައި އެއާޕޯޓު އެޅުމަށް ސަރުކާރާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަކި ރަށެއްގެ ނަން ފާހަގަކޮށްފައި ނެތުމަކީ އެއީ މި ސަރުކާރުން އެތަންތާގައި ހިންގަން ބޭނުންވާ މަޝްރޫއުތައް ނުހިންގާނެ ކަމުގެ ސިގްނަލެއް ނޫން. އަޅުގަނޑު ކުރިން ވެސް ދެންނެވިން އާންމު ގޮތެއްގައި ރިޔާސީ ބަޔާނުގައި ހުންނަނީ ބަޖެޓުގެ ތެރޭން ކުރައްވަން ރާވަވާފައި ހުންނަ ކަންތައްތަކޭ." އަދުރޭ ވިދާޅުވި އެވެ.
ބަޖެޓުގައި ނުހިމަނައި ބޭރުގެ އެހީގައި ކުރިއަށް ދާ މަޝްރޫއުތައް ވެސް މި އަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިސާލަކަށް ރިޔާސީ ބަޔާނަކު ނޯންނާނެ މުވައްޒަފުންގެ މުސާރަދޭނެ ވާހަކައެއް ވެސް. އެކަމަކު އެއީ އާންމުކޮށް ހިނގަމުންދާ ކަންތައްތައް. އެކަންތައް ތައް ހިނގާނެ." އަދުރޭ ވިދާޅުވި އެވެ.
ނިލަންދޫގައި އެއާޕޯޓު އަޅާ ވާހަކަ ރައީސް ޔާމީން ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ނުވާތީ ނިލަންދޫ ދާއިރާގެ މެމްބަރުން އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ހިތްހަމަޖެހި ވަޑައި ނުގެންނެވި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. މިއަދު އަދުރޭ އެވާހަކަ ދެއްކެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙަލީލް ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ޗެނަލް 13 އިން ރޭގެ ގެނެސް ދިން ސިޔާސީ ޕްރޮގްރާމެއްގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.
މި އަހަރު މަޖިލީސް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްވެވި ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓުގެ ވާހަކަ ފާހަގަ ކުރައްވާފައެއް ނުވެ އެވެ.
ރައީސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވީ ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އަޅާ ވާހަކަ އާއި މި އަހަރު ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ނ. މާފަރާއި، ށ. ފުނަދޫ އަދި ގދ. މާވާރުލުގައި އެއާޕޯޓު އަޅައި ހިދުމަތް ދޭން ފަށާނެ ވާހަކަ އެވެ.