22 Aug 2011, 15:42
ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ ތާވަލުގެ އެންމެ ކުރީގައި އުޅޭ ވިކްޓަރީ އާއި މާޒިޔާ ކުޅުން މެޗް 1-1 ލަނޑުން ނިމުމުން ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރު ވެއްޖެ އެވެ.
މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދީ ތާވަލުގެ ދެވަނާގައި އުޅޭ މާޒިޔާއިންނެވެ. މެޗްގެ 29 ވަނަ މިނެޓްގައި މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ފަޔާޒް އެވެ. މެޗްގެ ފުރަތަމަ ހާފް 1-0 ލަނޑުން ކުރީގައި އޮވެ މާޒިޔާއިން ނިންމާލި ނަމަވެސް ވިކްޓަރީ އިން ވަނީ ދެވަނަ ހާފް ފަށައިގެން ދެމިނެޓް ނުވަނީސް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ އަހްމަދު ރިޔާޒު އެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ބާކީ ދެމެޗް އޮތްއިރު ތިންމެޗު ކުޅެގެން ލިބުނު ހަތް ޕޮއިންޓާ އެކު އެންމެ ކުރީގައި ވިކްޓަރީ އުޅޭއިރު ހަތަރު މެޗް ކުޅެގެން ލިބުނު ފަސް ޕޮއިންޓާ އެކު މާޒިޔާ އުޅެނީ ދެވަނާގައެވެ. އެންމެފަހުގެ ޗެމްޕިއަން ވެލެންސިޔާ ކުޅުނު ތިންމެޗުގައި ލިިބުނު ހަތަރު ޕޮއިންޓާއެކު އުޅެނީ ތިންވަނާގަ އެވެ. ތާވަލުގެ ހަތަރު ވަނަ ނިއުއާއި ފުލުގައިވާ ވީބީ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އުޅެނީ ނިއު އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
އެގޮތުން މި ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ. މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ތާވަލުގެ އެންމެ ކުރީގައި އުޅޭ ވިކްޓަރީ އާއި ތިންވަނާގައި އުޅޭ ވެލެންސިޔާއާ އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:35 ގަ އެވެ.