ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ މަތީ ފަންތީގެ ޚިދުމަތްތަކާ އެކު ބުރާސްފަތި ދުވަހު ހުޅުވާ ޓްރީޓޮޕް ހޮސްޕިޓަލް މަސައްކަތް ކުރާނީ، ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާ ގުޅިގެން ކަމަށް ޓްރީޓޮޕްގެ ހިއްސާދާރު (ޗަމްޕާ) ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީޓޮޕް ހޮސްޕިޓަލު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އެ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާ ވާދަކުރުމުގެ ވިސްނުމެއް ޓްރީޓޮޕް ހޮސްޕިޓަލުން ނުގެންގުޅޭނެ ކަމަށެވެ.

"ވިޔަފާރިއަކަށް ވުރެ ބޮޑަށް ޚިދުމަތެއް ދޭން ކުރާ ކަމެއް މިއީ. އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ އަތުގައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ދީގެން، އަދި އަޅުގަނޑުމެން އަތުގައި ނެތް އެއްޗެހި އެމީހުން އަތުގައި ހުރި ނަމަ އޭގެ ހިދުމަތް ހޯދައިގެން،" އަފީފް ވިދާޅުވި އެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ 210 އެނދުގެ މަލްޓި ސްޕެޝަލްޓީ ހޮސްޕިޓަލުގައި ބަލިމީހުންނަށް ހިދުމަތް ދިނުމަށް ހަތް ކެޓަގަރީއެއްގެ ރޫމް ހުންނާނެ އެވެ.

ޓްރީ ޓޮޕް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީޓޮޕް ހޮސްޕިޓަލާ އެކު ރާއްޖެއިން ބޭރަށް ބޮޑެތި ބަލިތަކަށް ފަރުވާހޯދަންދާ މީހުންގެ އަދަދުމަދުވެ، ރާއްޖޭގެ މެޑިކަލް ޓުއަރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އަފީފް ވިދާޅުވި އެވެ. އެގޮތުން ޓޫސްޓުން ރާއްޖެ އަންނަ އިރު، އެމީހުންނަށް ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ، ރަނގަޅު ސިއްހީ ފަރުވާއެއް ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

ޓްރީ ޓޮޕް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ "ކޮންމެވެސް ދުވަހަކުން މުޅި ހޮސްޕިޓަލުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތިބުމަކީ އެންމެ ބޮޑު ހުވަފެން،" ކަމަށެވެ.

ހުޅުމާލޭގައި ހިންގާ މި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ ބަލި މީހުން އުފުލުމަށް ކޮންމެ ގަޑިއިރަކު ހާއްސަ ފެރީއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ޓްރީޓޮޕުން މިހާރު ވެސް އަންނަނީ މާލޭގައި ކްލިނިކެއް ހިންގަމުންނެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް އެއް ސްޕެޝަލިސްޓަކު އެ ކްލިނިކުގައި ހިދުމަތްދެއްވާނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.