27 Feb 2018, 14:00
ކުދި ވިޔަފާރިތަކުގެ 2017 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް، މީރާއިން އަންނަ މަހު 10 އަތޮޅަކަށް ދަތުރުކުރުމަށް ނިންމައިފިއެވެ.
މީރާއިން ބުނީ އަންނަ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މީރާގެ ޓީމުތައް ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، އަދި ތ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ ދަތުރުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަމަށް މީރާއިން ބުންޏެވެ. އަދި އެކަމުގައި އެހީތެރިކަން ބޭނުންވާ މީހުން މީރާގެ ހޮޓްލައިނަށް ގުޅައިގެން ނަންނޯޓް ކުރަންޖެހޭނެކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
އަތޮޅުތެރެއަށް މީރާއިން ކުރާ އެ ދަތުރުތަކުގައި އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިރާއިން ބުންނެވެ.
މީރާގެ ޓީމުތައްވަނީ މިދިޔަ އަހަރުވެސް ރާއްޖޭގެ 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ.