27 Feb 2018, 14:17
ފުޓުބޯޅަ ގަވާއިދުގައި ވަކި ކުލައެއް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ނޯންނާނެ ކަމަށާއި، އެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން މަސައްކަތް ކުރުން މުހިއްމު ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މާލޭ ލީގުގައި އިއްޔެ ހަވީރު ޓީސީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ވާދަކުރި މެޗުން ޓީސީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފްގައި ޓީސީގެ އަހުމަދު ރިލުވާން (ބެން) އަށް ދެއްކި ސީދާ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ފުޓުބޯޅައިގައި ވަކި ކުލައަކަށް، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކުރަން ނޯންނާނެ ކަމަށެވެ.
"ފުޓުބޯޅަ ގަވާއިދުގައި ނީނދޭ ކަންނޭންގެ ވަކި ކުލައެއް ވަކި ބައެއް، އެހެންނެއް. ދެން މީގެ ރަނގަޅުވާނެ ކަންނޭނގެ އެއަށް ބަލައިގެން ފުޓުބޯޅައިގެ ގަވާއިދާ އެއްގޮތަށް މިކަން ކުރަން އެންމެންވެސް މަސައްކަތް ކޮށްލަނިކޮށް،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ރަތް ކާޑާ ގުޅިގެން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި، އެކަން ހިނގާ ދިޔަ ގޮތް ބަލަން ތިބި އެންމެންނަށްވެސް ފެންނާނެ ކަމަށެވެ.
ނިއުއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުޅުންތެރިއަކު މަދުކޮށް ކުޅުމަކީ އުނދަގޫ ކަމެއް ނަމަވެސް ޓީސީން ވަރަށް ރަނގަޅަށް ކުޅުނު ކަމަށްވެސް ނިޒާމްބެވަނީ ފާހަގަކޮށްފައެވެ.
"ފަސޭހެއް ނުވާނެ ކުޅުންތެރިއަކު މަދުކޮށް ކުުޅެން. އެކަމަކު ކުޅުންތެރިއަކު މަދުކޮށްވެސް ވަރަށް ރަނގަޅަށް ޓީސީ ކުޅެފި. ފުރުސަތުތައްވެސް ލިބުނު. ނުނިންމިގެން މިދިޔައީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ނިންމާލަމުން ބުނީ އިއްޔެގެ މެޗުގައި ޓީސީގެ ކުޅުންތެރިން ގޭމުން ބޭރުކޮށްލަން މަސައްކަތްކޮށް، އެކަން ކުރިތަން ފެނިގެން ދިޔަ ކަމަށެވެ.
ޓީސީއާއި ނިއުރޭޑިއަންޓަކީ މިދިޔަ ސީޒަންގައިވެސް އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ ދެ ޓީމެވެ. އިއްޔެގެ މެޗުގައިވެސް ފެނިގެންގޮސްފައިވަނީ ފޯރިގަދަ ކުޅުމެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ ސީޒަންގެ ފުރަތަމަ މެޗު ވާދަވެރި ޓީމަކާއެކު ކުޅެން ޖެހުމަކީ އުނދަގޫ ކަމެއް ނަމަވެސް މޮޅުވުމުން ހިތް ހަމަ ޖެހޭ ކަމަށެވެ.
މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރިމެޗުގައި ނިއުގެ ކޯޗު އޮސްކާ ބުރުޒޮން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޚާއްސަކޮށް މެޗުގެ ދެވަނަ ހާފް ފެށިގެން ޓީސީން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ޓީމުގެ ކުޅުންތެރިންގެ ހިތްވަރުން މެޗަށް އަނބުރާ އައިސް ރަނގަޅު ކުޅުމެއް ދެއްކުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށްވެސް އޮސްކާ ފާހަގަކުރިއެވެ.