27 Feb 2018, 11:28
ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް، ޓްރީޓޮޕް އަންނަ ބުރާސްފަތިދުވަހު (މާޗް 1) ގައި ހުޅުވަން ނިންމައިފިއެވެ.
ޓްރީޓޮޕްގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނުކޮށްފައިވާއިރު މި ހޮސްޕިޓަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރު ޑޮކްޓަރުންް ހިދުމަތް ދެއްވާނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ތަރައްގީކުރި ޓްރީޓޮޕް އިންވެސްޓްމަންޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކީ ލާސް ޕީޓާއެވެ. މެނޭޖިންގް ޑިރެކްޓަރަކީ އަހްމަދު ނަޒީރު (ކްރައުން ނަޒީރު)އެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނެނީ (ޗަމްޕާ) ހުސައިން އަފީފާއި، (ޗަމްޕާ) މުހައްމަދު މޫސާގެ އިތުރުން (ގަދަގޭ) އަހުމަދު ސަލީމާއި އޭނާގެ ދަރިކަލުން އާދަމް ސަލީމާއި، އަބްދުލްޣަނީއާއި އިބްރާހިމް ނޫރައްދީނާއި ޑރ. އިބްރާހިމް ވިޝާނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރީޓޮޕްއިން ބުނީ ފުރަތަމަ ފަށައިގަންނަ އިރު އާސަންދައިގެ ޚިދުމަތް ލިބޭނީ އެޑްމިޓުކުރެވޭ ޕޭޝަންޓުންނަށް އެކަނި ކަމަށާއި، ނަމަވެސް އާސަންދައިގެ ޚިދުމަތް ފުޅާކޮށް ފަހުން ލިބޭނެ ކަމަށެވެ.
ކޮންމެ އަހަރަކުވެސް އެތައް ދިވެހީންނެއް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް އެތައް މިލިޔަން ޑޮލަރެއް ޚަރަދުކުރާކަން ފާހަގަކުރަމުން، ޓްރީޓޮޕްގެ މެނޭޖްމެންޓުން ބުނީ އެތަން ހުޅުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކަށް ވާނީ ރާއްޖެއިން ބޭރަށް ދާން ނުޖެހި، އާއިލާވެސް ގާތުގައި ތިބެގެން ބޭސްފަރުވާ ލިބުން ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވިގެންދާ އިރު، ތަފާތު 35 ގައުމެއްގެ ނަރުހުންނާއި ޑޮކްޓަރުން އެތަނުގައި މަސައްކަތް ކުރާނެއެވެ. ވިޔަފާރިވެރިޔާ އަދި ޓްރީޓޮޕް އިންވެސްޓްމެންޓުގެ ހިއްސާދާރު ޗަމްޕާ ހުސައިން އަފީފް ވިދާޅުވީ އެންމެ ބޮޑު ހުވަފެނަކީ ހޮސްޕިޓަލަކީ ހުސް ދިވެހިން ހިދުމަތްދޭ ތަނަކަށްވުން ކަމަށެވެ.
"ކޮންމެވެސް ދުވަހަކުން މުޅި ހޮސްޕިޓަލުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތިބުމަކީ އެންމެ ބޮޑު ހުވަފެން،"
އޭނާ ވިދާޅުވީ މިއީ ދިގު މުއްދަތަކުން ހާސިލުކުރެޥޭނެ ކަމެއް ނަމަވެސް، އެކަން ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓްރީޓޮޕްގެ އިމާރާތުގެ މަސައްކަތް ބެލެހެއްޓެވި އާކިޓެކްޓް އަދި ކުންފުނީގެ އެއް ހިއްސާދާރު ސަލީމް ވިދާޅުވީ މި ޕްރޮޖެކްޓަކީ އޭނާ ކުރެއްވި އެންމެ ބުރަ މަސައްކަތް ކަމަށެވެ. ހޮސްޕިޓަލުގައި ބޭނުންކޮށްފައި ވާނީ މީގެެ ކުރިން ރާއްޖޭގައި ބޭނުންކޮށްފައި ނުވާ އިކުއިޕްމެންޓުކަން ފާހަގަކުރެއްވިއެވެ.
އެގޮތުން އެތަނުގެ އެއާކޯން ސިސްޓަމަކީ ރާއްޖެއަށް މުޅިން އާ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހޮސްޕިޓަލު އިމާރާތް ކުރުމަށް ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކުރީ ރާއްޖޭގައި އެ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރާނެ ތަޖުރިބާ ހުރި ކުންފުންޏެއް ނެތުމުންކަމަށް ސަލީމް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ހޮސްޕިޓަލު ހުޅުވާއިރު ހުރިހާ ހިދުމަތެއް ނުދެވުނު ނަމަވެސް އަންނަ ޖޫން މަހުގެ ނިޔަލަށް ހޮސްޕިޓަލުން ފޯރުކޮށްދޭނެ ހުރިހާ ހިދުމަތެެއް ފޯރުކޮށްދޭން ފަށާނެކަމަށް ޓްރީޓޮޕުން ބުނެއެވެ. އެ ހޮސްޕިޓަލުން ދޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކުގެ ހާއްސަ ހިދުމަތްތަކާއި އަންހެނުންގެ ބަލިތަކުގެ ހާއްސަ ހިދުމަތްތައް ހިމެނެއެވެ.
އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާއެކު ހުޅުވާ މި ހޮސްޕިޓަލުގައި ގައި 210 އެނދު ހުންނާނެއެވެ. ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާއެވެ.
ހުޅުމާލޭގައި ހިންގާ މި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ ބަލި މީހުން އުފުލުމަށް ކޮންމެ ގަޑިއިރަކު ހާއްސަ ފެރީއެއް ބޭއްވުމަށްވެސް ވަނީ ނިންމައިފައެވެ.
ހޮސްޕިލުގެ މޮޓޯއަކީ "ޕޭޝަންޓް ފަސްޓް" ނުވަތަ އެންމެ ފުރަތަމަ ބަލިމީހާއެވެ.
ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓު ހަދާ ބަލިމީހުންނަށް އެޕޮއިންޓްމެންޓް ހެއްދި ގަޑިއަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށާއި މިހާރު ކޯލް ސެންޓަރު މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ މެޑިކަލް ސާވިސްގެ އިންޗާޖު، އޮސްޓްރިއާގެ ކާޑިއެކް ސާޖަން ޑރ. ރޯލޮން ފާސެލް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލާއެކު ރާއްޖޭގެ ސިއްހީ ދާއިރާ މުޅިން އާ ހަރުފަތަކަށް ދާނެ ކަމަށެވެ. ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ކިޔަވާ ވިދާޅުވެ، ތަޖުރިބާކާރު 80 ޑޮކްޓަރުންނާއެކު ހޮސްޕިޓަލުގެ ހިދުމަތް ދޭން ފަށާއިރު ދުނިޔޭގެ ފެންވަރުގެ ހިދުމަތް ހޮސްޕިޓަލުން ދޭނެ ކަމަށް ވިދާޅުވިއެވެ.
ޓްރީޓޮޕާއެކު ރާއްޖޭގެ މެޑިކަލް ޓުއަރިޒަމްވެސް އާ ހަރުފަތަކަށް ދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޓްރީޓޮޕުން މިހާރުވެސް އަންނަނީ މާލޭގައި ކްލިނިކެއް ހިންގަމުންނެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްޕެޝަލިސްޓަކު އެ ކްލިނިކުގައި ހިދުމަތްދެއްވާނެ ކަމަށް ޓްރީޓޮޕުން ބުނެއެވެ.