27 Feb 2018, 10:47
ވާވޭގެ ފޯނުތަކުގައި ބޭނުންކުރަން 5ޖީ ޗިޕެއް އުފައްދާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގެތެރެއިން މި ކަން އިއުލާނުކޮށްފައިވާއިރު މިއީ 5ޖީ ނެޓްވޯކު ސަޕޯޓުކުރާނެ ޑިވަސްތަކުގައި ބޭނުންކުރާނެ ޗިޕެކެވެ. މޮބައިލް ފޯނުތަކަށްވުރެބޮޑަށް މި ޗިޕް ބޭނުންކުރާނީ މޮބައިލް ހޮޓްސްޕޮޓުތަކުގައެވެ.
މި ޗިޕާއެކު 5ޖީ ޓެކްނޮލަޖީގައި 2.3 ޖީބީޕީއެސްގެ ސްޕީޑުގައި ޑައުންލޯޑު ކުރެވޭނެއެވެ.
ވާވޭގެ ސީއީއޯ ރިޗާޑް ޔޫ ވިދާޅުވީ އެކުންފުނިން ނެޓްވޯކް ޓެކްނޮލަޖީގައި 600 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށެވެ.
ވާވޭގެ ޗިޕާއެކު އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އިންޓެލް އަދި ކުއަލްކޮމްއަށް ބޮޑު ޗެލެންޖެއް ކުރިމަތިވީއެވެ. ކުއެލްކޮމްއިން ވަނީ ސްނެޕްޑްރެގަން އެކްސް24 ޗިޕެއް އުފައްދާފައިވާ ކަމަށާއި މިއީ ސްޕީޑު ރަނގަޅުކޮށްދޭނެ އުފެއްދުމެއްކަމަށް މިދިޔަ މަހު ބުނެފައެވެ.
އަންނަ އަހަރުގެ ފަހުކޮޅާ ހަމައަށް ދާއިރު 5ޖީ ނެޓްވޯކު ފައްކާކުރެވި ބޭނުންކުރަން ފެށޭނެކަމަށް ބެލެވެއެވެ.