27 Feb 2018, 10:32
އދ. މަޖިލިސް (ފެބްރުއަރީ) : ޔަމަންގެ ހޫޘީ ޖަމާއަތަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ އީރާން ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއްގެ ދެލިކޮޕީ އާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވީޓޯގެ ބޭނުންކޮށްފި އެވެ.
އެ ދެލިކޮޕީގައި ޔަމަންގެ ހޫޘީން ސައޫދީ އަރަބިޔާއަށް މިސައިލުން ދޭ ޙަމަލާތައް ކުށްވެރިކޮށްފައިވާ އިރު ސައޫދީން ޔަމަނަށް ވައިގެ މަގުން ހަމަލާތައްދީ ޔަމަންގެ އާންމުން މަރަމުން ގެންދާ މައްސަލަ ކުށްވެރިކޮށްފައެއް ނުވެ އެވެ. އަދި އެދެލިކޮޕީގައި އީރާނުން ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އީރާނުގެ ހަތިޔާރުގެ މުއާމަލާތްތަކާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފު އަމަލެއްކަމާއި މިކަމާގުޅިގެން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. ނަމަވެސް ރަޝިޔާ އާއި ޗައިނާ އިން އެ ދެލިކޮޕީއާ ދެކޮޅަށް ވީޓޯގެ ބޭނުންކުރުމުން މިހުރިހާ ކަމެއް ވަނީ ނާކާމިޔާބުވެފަ އެވެ.
އީރާންކުށްވެރިކޮށް އެ ގަރާރު ފާސްކުރަން މަސައްކަތްކުރީ އެމެރިކާ އާއި ފަރަންސޭސިވިލާތާ އަދި އިނގިރޭސިވިލާތުންނެވެ. ގަރާރުގެ ދެލިކޮޕީ ހުށަހެޅީ އިނގިރޭސިވިލާތުންނެވެ. ތާއީދުކުރީ ފަރަންސޭސިވިލާތާއި އެމެރިކާއިންނެވެ. އެ ދެލިކޮޕީއާ ދެކޮޅަށް ރަޝިޔާ އާއި ޗައިނާ އިން ވީޓޯގެ ބޭނުންކުރުމުން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އެކަމާ މެދު ދެރަވާކަމަށް ބުނެފަ އެވެ.
ރަޝިޔާ އާއި ޗައިނާ އިން ވަނީ އީރާން ކުށްވެރި ކުރުމަށް އިނގިރޭސިވިލާތުން ހުށަހެޅި ދެލިކޮޕީ އަކީ ތިލަފަތް ހަމަނުވާ އަދި އެއްކޮޅަކަށްޖެހި ހުސްވެފައިވާ ދެލިކޮޕީއެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ވަކި ގައުމެއް ކުށްވެރިނުކޮށް ތިލަފަތް ހަމަ އަދި ޔަމަންގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ގެނެވޭ ފަދަ ގަރާރެއްގެ ދެލިކޮޕީ ހުށަހެޅުމަށް ވެސް ރަޝިޔާ އާއި ޗައިނާ އިން ވަނީ އެމެރިކާ އަށާއި ޔޫރަޕްގެ ބާރުތަކަށް ގޮވާލާފަ އެވެ.
އިރާގު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ބޭނުންވާ ގޮތަކަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށް އެމެރިކާ ބޭނުންވާ ގައުމެއް ކުޑަކަކޫޖައްސައި އެގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެމެރިކާ ބޭނުންވާ ގައުމަކަށް އަސްކަރީ ގޮތުން އަރައިގަތުމުގެ ގަރާރުތައް ފާސްކުރި ނަމަވެސް މިފަހަކަށް އައިސް އެމެރިކާއަށް ވަނީ އެފުރުސަތު ގެއްލިފަ އެވެ.
ފުރްސަތު ގެއްލުމުގެ އިތުރުން އެމެރިކާގެ ބާރާއި ނުފޫޒު ވެސް އދ. ގައާއި ބައިނަލްއަގްވާމީ މަހްފަލްތަކުގައި ދަނީ ކުޑަވަމުންނެވެ. ކުރިން ޗައިނާއަކީ ދުނިޔޭގެ ސިޔާސީ ކަންކަމާ މެދު ވަކި ސްޓޭންޑެއް ނުނަގައި އޮންނަ ގައުމެއް ކަމަށްވި ޔަސް ހުޅަނގުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ލީބިޔާ، ސޫރިޔާ ފަދަ ގައުމުތަކުގައި ހަނގުރާމަތައް އުފެދި ބައިނަލްއަގްވާމީ އަމަނާއި ސުލްޙައަށް ނުރައްކާވާން ފެށުމުން ޗައިނާ ވަނީ އެމެރިކާ ހުށަހަޅާ މިފަދަ ގަރާރުތަކަށް ފާޅުގައި ދެކޮޅުހަދައި ވީޓޯގެ ބޭނުން ކުރަންފަށައިފަ އެވެ.
ރަޝިޔާ ވަނީ ތަންކޮޅެއް ކުރިން ފެށިގެން ވެސް ބައިނަލްއަގްވާމީ މަހްފަލްތަކުގައި އެމެރިކާއަށް ގޮންޖަހަން ފަށައިފަ އެވެ. މިއާ އެކު އެމެރިކާއަށް ވަނީ އެމެރިކާ ބޭނުންވާ ގޮތަށް ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކުރުމުގެ ފުރްސަތު ގެއްލިފަ އެވެ. (ނޫސްއެޖެންސީތައް)