ދިއްލީ (ފެބްރުއަރީ 27): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރާއި ހިންދޫ ދީނުގެ ކަލާނގެތަކާ ބެހޭ ގޮތުން އިހުތިރާމު ކުޑަވާ ގޮތަށް ވާހަކަ ދެއްކި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އުއްތަރަ ޕްރަދޭޝްގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަނިލް ކުމާރު ވިދާޅުވި ގޮތުގައި އެސްޓޭޓުގެ ހަތަރު މީހަކު ވަނީ ބޮޑުވަޒީރު މޯދީ އާއި ޗީފް މިނިސްޓަރު ޔޯގީ އަދިތްޔާނަތާއި ހިންދޫ ކަލާނގެތަކާ ބެހޭ ގޮތުން އިހުތިރާމު ކުޑަކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ފޭސްބުކާއި ވަޓްސްއެޕްގައި ޝެއާކޮށްފަ އެވެ.

މީގެ ފަސް ދުވަސް ކުރިން ޝެއާ ކުރި އެވީޑިއޯއާ ގުޅިގެން ހަތަރު މީހަކާ ދެކޮޅަށް ވަނީ ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ރެޖިސްޓާކޮށްފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް އަނިލް ކުމާރު ވިދާޅުވި އެވެ.

ދި ވަޔާގައިވާ ގޮތުން މިދިޔަ އަހަރުގެ މާޗް މަހު އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަމަށް އައްޔަން ކުރި އަދިތްޔާނަތާ ބެހޭ ގޮތުން ނުރުހުންފާޅުކޮށް ވާހަކަ ދެއްކި ގިނަ އަދަދެއްގެ މީހުން ވަނީ އެސްޓޭޓުން ހައްޔަރުކޮށްފަ އެވެ. (ދި ވަޔާ)