އެއް އިރެއްގައި މޯބައިލް ފޯނުގެ މާކެޓުގެ ރަސްގެފާނަކީ ނޮކިއާ އެވެ. މިހާރު ވެސް އެ ފޯނުތަކުގެ ވާހަކަ ދައްކަމުގެ އެވެ. ޒަމާނަށާއި ޓެކްނޮލަޖީ އަށް އައި ބަދަލާ އެކު އެ ފޯނުތައް ބޭނުން ނުކުރި ނަމަވެސް އެ ފޯނުތަކުގެ ހަނދާން އާކުރަމެވެ.

ނޮކިއާގެ އުފެއްދުންތައް އުފެއްދުމުގެ ލައިސެންސް މިހާރު ދީފައިވާ ކުންފުންޏަކީ ފިންލޭންޑުގެ އެޗްއެމްޑީ ގްލޯބަލް އެވެ. ނޮކިއާގެ އުފެއްދުމެއް ބާޒާރަށް ނުނިކުންނަތާ އަހަރުތަކެއް ފަހުން އެކުންފުނިން ވަނީ ހުސްވި އަހަރުގެ އޮގަސްޓު މަހު ނޮކިއާ މަރުކާގެ ފޯނެއް ބާޒާރަށް ނެރެފަ އެވެ.

އެ ފޯނަށް ވެސް ވަނީ ރަނގަޅު ތަރުހީބެއް، މާކެޓުގައި ލިބިފަ އެވެ. މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އެޗްއެމްޑީ އިން ވަނީ ނޮކިއާ8 ސިރޯކޯގެ އާ ފޯނެއް ދައްލާލަން ނިންމައިފަ އެވެ. މި ފޯނަކީ މިދިޔަ އަހަރުގެ އޮގަސްޓުގައި ނެރުނު ފޯނަށް ކުދި ބަދަލުތައް ގެނެސްގެން ނެރޭނެ އަޕްޑޭޓޭޑް ފޯނެކެވެ.

މިދިޔަ އަހަރު ނެރުނު ފޯނުގެ ޑިޒައިނަށް ބަދަލު ގެނެސްގެން ނެރޭ މި ފޯނުގެ ޑިޒައިނަށް ބަލާ އިރު މިއީ "ކާވްޑް" ފޯނެކެވެ. ފިންގާ ޕްރިންޓް ސްކޭނާ އިންނާނީ ފޯނުގެ ފަހަތުގަ އެވެ.

ހަ ޖީބީގެ ރެމް އަކާ އެކު ނެރޭ މިފޯނުގައި 128 ޖީބީގެ މެމޮރީ ސްޓޯރޭޖެއް ހިމެނޭނެ އެވެ. ޑުއަލް ކެމެރާ ހިމެނޭ މިފޯނުގެ ފަހަތު ކެމެރާ އަކީ 12 މެގަޕިކްސެލްގެ ކެމެރާއެކެވެ. ކުރިމަތީ ކެމެރާ އަކީ ފަސް މެގަ ޕިކްސެލްގެ ކެމެރާއެކެވެ. އެޗްއެމްޑީގެ "ބޮތީ"އާ އެކު ކުރިމަތީ ކެމެރާ އާއި ފަހަތު ކެމެރާ އިން އެއްފަހަރާ ފޮޓޯ ނެގޭނެ އެވެ.

މިއީ ވަޔަލެސްކޮށް ޗާޖުކުރެވޭނެ ޑިވައިސްއެކެވެ. ހެޑްފޯނަށް ހާއްސަ ޕޯޓެއް ނީންނާނެ އެވެ. ހެޑްފޯނު ބޭނުންކުރާ ނަމަ ބޭނުން ވާނީ ޔޫއެސްބީ-ސީ ނޫނީ ބްލޫޓޫތު ހެޑްފޯނެކެވެ.

މި ފޯނު ބާޒާރަށް ނެރޭނީ އޭޕްރީލް މަހު އެވެ. އަގު އުޅެނީ 920 ޑޮލަރުގަ އެވެ.

މީގެ އިތުރުން އެޗްއެމްޑީ އިން ވަނީ ނޮކިއާގެ "މިޑް ރޭންޖް" ދެ ފޯނެއް ނެރެން ވެސް ނިންމައިފަ އެވެ.