27 Feb 2018, 09:32
މީހާގެ ހަށިގަނޑު އެއްކޮށް އަރުވައިގެން ރީތި ފޮޓޯއެއް ނަގަން އަމިއްލައަށް މަސައްކަތް ކުރުމަކީ ބުރަ މަސައްކަތެކެވެ. އަދި ގިނަ ބަޔަކު އެއްކޮށް ފޮޓޯއެއް ނަގަން ކުރަންޖެހޭ މަސައްކަތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެންމެން އަރާނެހެން ރީތި ފޮޓޯއެއް ނެގުމަކީ ހަނގުރާމައަކުން މޮޅުވުންކަހަލަ ކަމެކެވެ.
މި ހުރިހާ އުނދަގުލަކަށް ހައްލެއް ގެނެސްދިނީ ސެލްފީ ސްޓިކެވެ. ސެލްފީ ސްޓިކްގެ ޒަމާން މިހާރު ނިމުމަކަށް އައިސްފައިވާއިރު، ސެލްފީ ސްޓިކް ފުރަތަމަ އުފެއްދި ކުންފުނިން މިވަނީ ސެލްފީ ނަގަން މަރުދޭ މީހުންނަށް ހާއްސަ އެހެން އުފެއްދުމެއް ބާޒާރަށް ނެރެފައެވެ.
"ސެލްފީ ސްޓިކް-އިޓް" އަކީ ވަޔަލެސް ސްމާޓްފޯން މައުންޓެކެވެ. ކޮންމެ ތަނަކުވެސް ތަތްކޮށްލައިގެން ރީތި ސެލްފީއެއް ނަގަންވީއެވެ.
މިއީ ސެލްފީ ސްޓިކަށްވުރެ ގެންގުޅޭން ފަސޭހަ އެއްޗެކެވެ. ޖީބަށްވެސް ލައިގެން އުޅެންވީއެވެ. ބަރެއްވެސް ނުވާނެއެވެ.
މި ސްޓިކް އިޓް، ބޭނުންވާ ތަނެއްގައި ތަތްކުރުމަށްފަހު އެއާއެކު އިންނަ ބްލޫޓޫތު ރިމޯޓު ބޭނުންކޮށްގެން ފޮޓޯ ނަގައި ވީޑިއޯ ނަގަންވީއެވެ. މި ޑިވައިސް އާއެކު ޓްރައިޕޮޑެއްވެސް ލިބޭނެއެވެ. ސްޓިކްއިޓް ތަތްކުރާނެ ތަނެއް ނެތް ހާލަތެއްގައިވެސް ސެލްފީ ނަގާލެވޭނެއެވެ.
މީގެ އަގު އުޅެނީ 14 ޑޮލަރާއި 19 ޑޮލަރާ ދެމެދުގައެވެ.