28 Feb 2018, 12:00
ސިމްބޮލިކް ރިކޯޑްސްގެ ފުރަތަމަ އަންހެން ލަވަ ކިޔުންތެރިޔާ ފާތިމަތު ޝިފްނާ އޭނާގެ ލަވައެއް އާންމުކޮށްފިއެވެ.
"އޭންޖަލްސް ކާންޓް ފްލައި"ގެ ނަމުން ނަންދީފައިވާ އިނގިރޭސި ލަވައަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.
ޔޫކްރެއިންގައި މެޑިސިން ކިޔަވަމުން އަންނަ އެ ދަރިވަރަކީ ފެށުނީއްސުރެ މިއުޒިކަށް ލޯބި ކުރަމުން އަންނަ ކުއްޖެކެވެ. ލިބޭ ހުސްވަގުތުތަކުގައި އަމިއްލައަށް ލަވަ ލިޔެ ލަވަ ކިޔުމަކީ އޭނާ އެންމެ ކުރާ ހިތުން ކުރާ އެއް ކަންތައްތައް ކަމަށް ޝިފްނާ ބުންޏެވެ.
"އޭންޖަލްސް ކާންޓް ފްލައި" އަކީ ކޮލެޖްގެ އިވެންޓަކަށް ތައްޔާރު ކުރި ލަވައެއް ކަމަށާއި ގިނަ ބަޔަކަށް އެ ލަވަ ކަމުދިޔުމުން ވިސްނީ ލަވައަށް ވީޑިއޯ އެއް ހެދުމަށް ކަމަށް އޭނާ ސަން އަށް ބުންޏެވެ.
ބުރަ މަސައްކަތްތަކެއް ކޮށްގެން ގިނަ ބައެއްގެ އެހީތެރިކަމާ އެކީ ޝިފްނާ އާއި ކޮލެޖްގެ ކުދި ބަޔަކު މިވަނީ އެ ލަވައަށް ވީޑިއޯ އެއް ހަދާ އާންމު ކޮށްފައެވެ.
އެ ލަވަ ކިޔާފައިވަނީ ޝިފްނާ އެވެ. އަދި އެ ލަވައިގެ ހިމެނޭ ރެޕްގެ ބައި ކިޔާފައިވަނީ ގެބްރިއަލް އަނާމަން އެވެ.
އެ ލަވައަކީ ޝިފްނާގެ އަމިއްލަ ލިރިކްސް އެކެވެ. ރެޕް ބައިގެ ލިރިކްސް ލިޔުނީ ގެބްރިއަލް އަނާމަން އެވެ.
ވީޑިއޯއިން ފެނިގެންދާ މަންޒަރުތަކުން ފެނިގެންދަނީ ޔުނިވާސިޓީ ކުއްޖަކާ އެކު ޑާންސް ގްރޫޕެއް ކަމަށް ޝިފްނާ ބުންޏެވެ.
ވީޑިއޯއިން ހާސިލް ވެގެންދާނެ އިބްރަތަކީ ދުނިޔެއަށް ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި އާދަޔާ ހިލާފު މީހަކަށް ވާން ނުޖެހޭ ކަމަށާއި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޒާތުގައި ބަދަލުތައް ގެނެވިދާނެ ކަމަށް އޭނާ ބުންޏެވެ.
"މި ލަވަ އަކީ ގިނަ ކުދިންތަކެއް އެކުގައި ކުރި ބުރަ މަސައްކަތެއް. ޓީމް ވޯކް އެއް މިއީ. ވަރަށް ގިނަ މީހުންގެ އެއްބާރުލުން ލިބުނު. އަސްލު މި ލަވަ އިން އިބްރަތެއް ހާސިލް ކުރެވިގެންދާނެ،" ޝިފްނާ ބުންޏެވެ.
އެ ލަވަ ނެރުނުތާ ހަފްތާއެއް ނުވާއިރު މިހާތަނަށް އެ ލަވައަށް ވަނީ 65،378 ވިއުސް ލިބިފައެވެ.
މިއުޒިކްގެ ރޮނގުން ފެނިގެންދާނެ ކަމަށާއި ސިމްބޮލިކް ރިކޯޑްސް އާ އެކީ މަސައްކަތް ކުރަށް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.