27 Feb 2018, 09:11
ރިޔާޒު (ފެބްރުއަރީ 27): ސައުދީ އަރަބިއާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ރޭ މަގާމުން ވަކިކޮށްފި އެވެ.
ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރޭ ނުރެއްވި އަމުރުތަކެއްގެ ދަށުން ވަނީ އެ ގައުމުގެ ވައިގެ ފައުޖުތަކާއި އެއްގަމު ފައުޖުތަކުގެ އިސް ވެރިން ބަދަލު ކުރައްވައިފަ އެވެ.
ރަސްގެފާނުގެ އެނިންމެވުމުގެ ފަހަތުގައި ހުންނެވީ ވަލީއަހުދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ރޭ ވަޒީފާއިން ވަކި ކުރި ފަރާތްތަކުގެ ތެރޭގައި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް، ޖެނެރަލް އަބްދުލް ރަހްމާން ބިން ސާލިހް އަލް ބުންޔަން ހިމެނެ އެވެ. އަދި އަސްކަރިއްޔާގެ އިތުރުން ބައެއް ސިޔާސީ މަގާމުތަކަށް ވެސް ރޭ ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން އެ ގައުމުގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ރޭ ވަނީ އަންހެނަކު އައްޔަންކޮށްފަ އެވެ. އަދި އަސީރު ޕްރޮވިންސުގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް ޕްރިންސް ތުރްކީ ބިން ތަލާލް އައްޔަންކޮށްފަ އެވެ. އޭނާ އަކީ ސައުދީ އަރަބިއާ އިން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ބިލިއަނަރު، ޕްރިންސް އަލްވަލީދު ބިން ތަލާލްގެ ކޮއްކޯފުޅެވެ.
ސައުދީ އަރަބިއާގެ އަސްކަރިއްޔާއަށް އެބަދަލުތައް ގެނެސްފައި ވަނީ އެގައުމުން ޔަމަނުގެ ހަނގުރާމައަށް ވަދެގަތްތާ ތިން އަހަރު ފުރެން ގާތްވެފައި ވަނިކޮށެވެ. (ބީބީސީ)