އަބްދުﷲ މުއާޒު (މުއާ) ކޯ ޕްރޮޑިއުސްކޮށް، އޭނާ ޑައިރެކްޓްކުރާ ފިލްމު ލީނާގެ ޝޫޓިން ނިންމާލުމަށްފަހު، ފިލްމުގެ ކްރޫ ވަނީ މިމަހުގެ 25 ގައި މާލެ އައިސްފައެވެ.

އއ. އުކުޅަހުގައި ލީނާގެ ޝޫޓިންގެ ބޮޑުބައެއް ކުރިއަށް ގެންގޮސްފައިވާއިރު، މުއާ ބުނީ އެހެން ލޮކޭޝަންއެއްގައި ނަގަންޖެހޭ ބައެއް މަންޒަރުތައް އެބަހުރި ކަމަށެވެ. މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށާއި ލަވަތަކުގެ ޝޫޓިންވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް މުއާ ބުންޏެވެ.

އުކުޅަހުގައި ޝޫޓިން ކުރިއަށްދިޔައިރު، ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން މުއާ ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ. ފިލްމުގެ ތަރިންނާއި ކްރޫގެ މަސައްކަތަށް މުއާ ވަނީ ސާބަސް ކިޔައިފައެވެ.

ލީނާ އަކީ މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ.

އައްޒަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ސިއްސުވާލި ބޮޑު ހާދިސާއެއް އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ލީޑް ތަރި "ލިނާ"ގެ ރޯލުން ފެންނާނީ މިހާރު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ މަރިޔަމް އައްޒައެވެ.

ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާމެދު އައްޒަވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

"ޝޫޓިން ކުރިއަށް ދިޔައީ ހަވަ ވަރަށް ރަނގަޅަށް. އުކުޅަހުގެ މާހައުލާމެދުވެސް ވަރަށް ހިތްހަމަޖެހޭ. ޝޫޓިން ކުރިއަށް ދިޔައީ ވެސް ވަރަށް މަޖާކޮށް،" މުއާގެ ޑައިރެކްޝަނާމެދުވެސް ހިތްހަމަ ޖެހިފައި ހުރިކަމަށް އައްޒަ ބުންޏެވެ.

"ކާސްޓިން އާ މެދުވެސް ވަރަށް ހިތްހަމަ ޖެހޭ. ހުރިހާ އެންމެންވެސް ވަރަށް މަސައްކަތްކުރި. އައްޒަގެވެސް ބެސްޓް ދިނިން،" އައްޒަ ބުނީ ލީނާ އާމެދުވެސް ބޮޑު އުއްމީދެއް ކުރާ ކަމަށެވެ.

ދިވެހި ފިލްމު ބޮސް ގެ ޕްރިމިޔާ ނައިޓުގައި ދޮން އައްޔަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފިލްމުގެ މުހިއްމު ރޯލެއް އަދާކުރާ އަނެއް ފަރާތަކީ ދިވެހި ސިނަމާގައި މިހާރު އެންމެ އިތުބާރުކުރާ އެއްތަރި އަލީ އާޒިމް (ދޮން އައްޔަ) އެވެ. ލީނާ އާ ގުޅޭގޮތުން އައްޔަ ބުނީ ލީނާ އަކީ މުއާ އާއެކު ކުރި ފުރަތަމަ މަސައްކަތް ނަމަވެސް މަސައްކަތް ކުރިއަށްދިޔަގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މުއާ އަކީ އެކުގައި މަސައްކަތްކުރަން ވަރަށް ސަޅިމީހެއް. ލީނާގެ މުޅި ޓީމުވެސް ހަމަ ވަރަށް ސަޅި. އެންމެންގެ ސަޕޯޓު ލިބުނުކަން އައްޔަ ފާހަގަކުރަން،" އައްޔަ ބުނީ ލީނާގެ ކާސްޓުގެ ކޮންމެ ކެރެކްޓާއެއްވެސް ދައްކާފައިވަނީ ރަނގަޅު އެކްޓިންއެއް ކަމަށެވެ.

"ވަރަށް ހާއްސަ ޝުކުރެއް މި ފުރުސަތުގަ ބުނެލަން ބޭނުން މުއާ، އައްޒަ އަދި ނުޒޫ އަދި ކަނޑިއަށް. އުއްމީދުކުރަން ލީނާގަ އައްޔަ އަށް ދެއްކިފައި އިން އެކްޓިން ބެލުންތެރިން ބަލައިގަންނާނެކަމަށް،" މިދިޔަ އަހަރު ނިކުތް ފިލްމު ބޮސް ގައި ދެއްކި އެކްޓިން އަށް ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބުނު ތަރި ބުންޏެވެ.

ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ ---

ލީނާގެ ގާތިލް ނުވަތަ "ޒުހޫރު"ގެ ރޯލުން ފެންނާނީ މުއާއެވެ. ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސްވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެއެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

އޮފީސްތަކުގެ ޓެލެޑުރާމާ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުއާ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ފިލްމާމެދު މުއާ ކުރާ އުންމީދުތައް ބޮޑެވެ. ހާއްސަކޮށް ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނަށް ވާތީއެވެ. އޭޕްރިލް ނުވަތަ މެއި މަހު ފިލްމު ރިލީޒ ކުރާނެ ކަމަށް މުއާ ވަނީ މީގެ ކުރިން ބުނެފައެވެ.

"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ، މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ،" ލީނާގެ އެއް ޕްރޮޑިއުސަރު މުއާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.