27 Feb 2018, 09:15
މުޖްތަމައުގައި އޮތް ބޮޑު މައްސަލައެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހަދާ ބިރުވެރި ފިލްމު "ރޭވުމުން"ގެ ޓީޒާ ދައްކާލައިފި އެވެ.
"އުދަބާނި"، "ސަނދުރަވިރޭ" ފަދަ ބިރުވެރި ފިލްމުތައް އުފައްދާފައިވާ އަމްޖޭ މިފަހަރު ހަދާ ފިލްމުގެ "ރޭވުމުން" އަކީ އޭނާގެ 52 ވަނަ ފިލްމެވެ.
އަންނަ މަހުގެ 24 ވަނަ ދުވަހު ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "ރޭވުމުން"ގެ ތަރިންނަކީ މުހައްމަދު މަނިކު، އަހުމަދު ޝާޒު، އަލަށް ތައާރަފްވާ ބަތަލާ ނާޒިފާ (ނާ) އަދި ރޯނު ހަސަން މަނިކާ ފައުޒިއްޔާގެ އިތުރުން ޝަކިލާ އެވެ.
މީސް މީޑިއާގައި މިހާރު ޓީޒާ ދައުރުވަމުން އަންނަ އިރު، ފިލްމުގެ ޓީމުން ބުނީ ފިލްމުގެ ފޭސްބުކް ޕޭޖް ލައިކްކޮށް، ޝެއާކޮށްގެން ޓިކެޓް ހޯދޭނެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފައިވާ ކަމަށެވެ.
ފިލްމުގެ ޓިކެޓަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައި އަންނަ މަހު ފަހެއްހާ ހިސާބު ޓިކެޓް ވިއްކަން ފަށާނެ ކަމަށް އަމްޖޭ ސަން އަށް ބުންޏެވެ.
"ﷲ އިރާދަކުރެއްވިއްޔާ މި ފިލްމު ވެގެންދާނީ މި އަހަރު ނުކުންނަ އެންމެ ފުރިހަމަ ރީތި އެއް ފިލްމަށް. ފިލްމުގައި މިހާރުގެ މުޖުތަމައަށް ގުޅޭނެ ފަދަ ހުރިހާ ކަމެއް އެކުލެވިގެންވާނެ މި ފިލްމުގައި،" އަމްޖޭ ބުންޏެވެ.
"ރޭވުމުން"ގެ ކެމެރާގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާ އެނބޫ) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ އަހުމަދު ޒިޔާ އެވެ. މިއުޒިކްގެ މަސައްކަތް ކުރަނީ ހުސައިން ސޮބާހެވެ. ފިލްމުގައި ހަތަރު ލަވަ ހިމެނޭނެ އެވެ.
ފަންސާސް ދެ ވަނަ ފިލްމާ މެދު އަމްޖޭގެ އުއްމީދުތައް ވެސް ވަރަށް ބޮޑެވެ.