އެސްޓީއޯ މާލޭ ލީގުގައި ރޭ ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް ކްލަބު ވެލެންސިއާ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑް ވިކްޓަރީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔޫވީގެ ތިން ގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ.

މެޗުގެ ކުރީ ކޮޅުގައި ޔޫވީން ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ހާފްގައި ދެޓީމުންވެސް ހަމަލާތައް އުފައްދާފައިވަނީ ދާދީ އެއްވަރަކަށެވެ. އެގޮތުން ޔޫވީގެ މުހައްމަދު ސުހައިލް (ބަންބުޗް)ގެ އިތުރުން އެ ކްލަބަށް ކުޅޭ ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ފޯވަޑް ސަމިއުލް ކޯޑެލް ޑެވޯނޭއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވުނެވެ.

އެސްޓީއޯ މާލެ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ޔޫވީން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ހާފްގައި ވެލެންސިއާގެ ރިޝީމް ވަލޭރީ ފޮނުވާލި ދެ ހަމަލާގެވެސް ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫވީގެ ކީޕަރު ތޮލާލް ހަސަނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ 10 މިނެޓުގައި ވެލެންސިއާއިން ރަނގަޅަށް ކުޅުނު ނަމަވެސް ޔޫވީންވަނީ ފަހުން މެޗަށް އަނބުރާ ވަދެފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ޔޫވީއަށް ލީޑު ނަގައިދިނީ ޔޫވީގެ ބިދޭސީ ފޯވަޑް ޑެވޯނޭއެވެ.

ޑެވޯނޭގެ ގޯލަށްފަހު ޔޫވީން ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އަދި 73 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ވެލެންސިއާގެ ގޯލް އޭރިއާގެ ކަނާތް ފަޅިން ލިބުނު ހިލޭ ޖެހުން ސީދާ ގޯލްގެ ކަނަށް އަމާޒުކޮށް ޔޫވީގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑެވޯނޭއެވެ.

މެޗުގެ ތިންވަނަ ގޯލް ޖަހައި ޔޫވީން ލީޑު އިތުރަށް ފުޅާކުރީ އަލީ ހައިޝަމް (ޗުމްޕު) ގެ ރީތި ގޯލަކާ އެކުގައެވެ.

ޗުމްޕުގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗު ނިމެންދަނިކޮށް ވެލެންސިއާއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް، ވަލޭރީގެ ޕެނެލްޓީ ކީޕަރު ތޮލާލްވަނީ ހުޝިޔާރު ކަމާއެކު މަތަކޮށްފައެވެ.

ރޭ ކުޅެވުނީ މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ ފަހު މެޗެވެ. މާލޭ ލީގުގެ ދެވަނަ ހަފްތާގެ މެޗުތައް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.