ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދުސްތޫރީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެހީތެރިވެދެއްވުމަށް ދިވެހި ސަރުކާރުން އެދެފި އެވެ.

މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހި ސަރުކާރުން އީޔޫގެ ގައުމުތަކާއެކު މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ދައުލަތުގެ ހިންގުމުގެ ނިޒާމާއި ދިމިގްރާތީ ނިޒާމް ވަރުގަދަކުރުމަށް ވެދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ފޮރިން މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޚާއްސަކޮށް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އުދަނގޫ ދަނޑިވަޅުގައި އީޔޫއިން ދިވެހި ސަރުކާރާއެކު އޮތުމުން އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހި ސަރުކާރުން ވިލާތުގެ އިއްތިހާދަށް މިއަދު ޝުކުރު އަދާކޮށްފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ވަނީ ޚާއްސަ ގަރާރެއް ފާސްކޮށްފައެވެ.

އެގޮތުން އެ ގަރާރުގައި ރާއްޖޭގައި މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި، އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ގޮވާލައިފައިވާއރު، ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

އަދި ރާއްޖޭގެ ހާލަތު ރަގަނޅު ނުވާނަމަ، ރާއްޖެއާމެދު "ޓާގެޓެޑް މެޝާޒް" އަޅާނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

އީޔޫގެ ގަރާރާ ގުޅިގެން ރާއްޖެއިން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ސަން އަށް ވިދާޅުވީ، އީޔޫ ކައުންސިލުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވުމަކީ ރާއްޖެއާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ނޫން ކަމަށެވެ.

އެއީ ރާއްޖެއާ ގުޅިގެން ކުރާ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުނދަގޫވާނެ ވާހަކަ ކަމަށް ޝިއާން ވިދާޅުވިއެވެ.