އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސަައްކަތެއްް ކުރި ނަމަވެސް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުންނުވި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ" ގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް އީޔޫއިން ބަލައިނުގަތް ކަމަށެވެ.

"އިއްތިހާދުން މި ދައްކަނީ އިދިކޮޅުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފިޔޭ. އެބޭފުޅުންނަށް އެވާހަކަތައް ރަނގަޅަށް ކިޔައިވެސް ނުދެވުނު. މިއަދު އަޅުގަނޑުމެންނަށް ފާހަގަ ވެގެން މިދިޔައީ އިދިކޮޅު ފަރާތްތަކުން އެމީހުން ކުރި މަަސައްކަތް އީޔޫއިން ބަލައިނުގަތްކަން. ދިވެހިރާއްޖެއާާ މެދު ފިޔަވަޅު ނާޅަން ނިންމިކަން،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިނގިރޭސިވިލާތާއި ޖަރުމަނާއި އެހެނިހެން ގައުމުތަކުގައި ތިބެގެން ދިވެހިންނާ ދެކޮޅަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައްްކަމުން ދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އުޅެނީ ބޯދާ އަދި ހައްދު ފަހަނަ އަޅާފައިވާ މީހުން އުޅޭ ކަމަށް ބުނިކަމުގައި ވިޔަސް އެމީހުންގެ މަސައްކަތް ކާމިޔާބުނުވާކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ސިޔާސީި ގޮތުން ވަކިއަތަކަށް ނުޖެހޭ ކިތަންމެ ބަޔަކު އުޅޭ ކަމަށާއި އަދި އެ މީހުން ގައުމުގެ ދިފާއުގައި މިއަދު ނިކުންނަން ޖެހޭ ކަމަށެވެ.

"ގައުމެއް ފުނޑާލައި ގައުމެއްގެ ދުވަސް ދުއްވާލައި ގައުމެއް ކޮށާ ކަތިލަމުން ދާއިރުު ތިބޭފުޅުންގެ ޒިންމާއަކީ، އަޅުގަނޑުމެން އެންމެންގެ ވިސްނުމަކަށް ވާންވާނީ ގައުމު ބިނާކުރުމާއި ގައުމުގެ މިނިވަންކަން ދިފާއު ކުރުމާއި ގައުމުގެ ދީން އިސްލާމްދީނުގެ ހައްގުގައި ކުރެވޭ މަސައްކަތަށް ބާރު ދިނުމޭ،" ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދަނީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް، އަދި ދައުލަތުގެ ބާރުތައް ވަކިވެގެން ނޫން ކަމަށާއި، ކަންކަން އިސްލާހު ނުކޮށްފިނަމަ ރާއްޖެއާ މެދު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އީޔޫ އިން މިއަދު ފާސްކުރި ގަރާރުގައި ވަނީ ބުނެފައެވެ.

އިޔޫއިިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ޖުޑީޝަރީގެ ހިންގުން، ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭންޖެހޭ ހަމަށެވެ.