ލައިބީރިއާގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވަޑް، ޑިއޯ ވިލިއަމްސް ގެނައުމަށް ޓީސީ ސްޕޯޓްސް ކްލަބުން އެއްބަސްވެއްޖެއެވެ.

ޓީސީން ޑިއޯ ވިލިއަމްސް ގެންނަން ނިންމާފައިވަނީ އެ ކްލަބުން މި ސީޒަނަށް ގެނައި ނައިޖީރިއާގެ ފޯވަޑް ޕީޓާ ކޮލަވޯލޭ ފޮނުވާލުމަށްފަހު އޭނާގެ ބަދަލެއްގެ ގޮތުންނެވެ. 'ސަން ސްޕޯޓްސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީސީއަށް ގެންނަ އުމުރުން 31 އަހަރުގެ ޑިއޯ ވިލިއަމްސް ދެ ދުވަހެއްގެ ތެރޭގައި އެ ކްލަބުގެ ފަރިތަކުރުންތަކުގައި ގުޅޭނެއެވެ.

ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ލައިބީރިއާގެ ގައުމީ ޓީމަށް 27 މެޗު ކުޅެ 10 ގޯލް ޖަހައިފައިވާ ޑިއޯ ވިލިއަމްސްވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައެވެ.

ޑިއޯ ވިލިއަމްސް އެންމެ ފުރަތަމަ ޔޫރަޕުގެ ފުޓުބޯޅަ ކުޅެފައިވަނީ ސްވިޑެންގެ ހަތަރުވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ފްލޯޑާ ބޮއީފަށެވެ. 2002 ވަނަ އަހަރު އެ ކްލަބަށް ކުޅުމަށްފަހު 21 މެޗުން 14 ކާމިޔާބުކޮށް ޑިއޯ ވިލިއަމްސްވަނީ 2003 ވަނަ އަހަރުގެ ސީޒަނަށްފަހު ސްވިޑެންގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ކްލަބު ބީކޭ ހަކޭންއަށް ބަދަލުވެފައެވެ.

އެ ކްލަބާއެކު ހޭދަކުރި ފަސް ސީޒަންގައި ޑިއޯ ވިލިއަމްސްވަނީ 120 މެޗުން 64 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އެޓީމާއެކު ސްވިޑެންގެ ދެވަނަ ޑިވިޝަންގެ ތަށި ހޯދުމުގެ އިތުރުން އޭނަވަނީ ޔޫއެފާ ޔޫރޮޕާ ލީގު ކޮލިފިކޭޝަން ދެވަނަ ބުރުގެ ފަސް މެޗެއް އެޓީމާއެކު ކުޅެފައެވެ.

ބީކޭ ހަކޭންއަށް ކުޅުމަށްފަހު ޑިއޯ ވިލިއަމްސް ބަދަލުވީ ޑެންމާކުގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އޭޖީއެފް އާހަސްއަށެވެ. އެ ކްލަބަށް ކުޅުނު 63 މެޗުން 15 ގޯލް ޖެހި ޑިއޯ ވިލިއަމްސް 2014 ވަނަ އަހަރުން މިދިޔަ ސީޒަނާ ހަމައަށް ހޭދަކޮށްފައިވަނީ ސްވިޑެންގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ގެފެލް އައިއެފްއަށެވެ. އެ ކްލަބަށްވެސް އޭނާވަނީ 76 މެޗުން 36 ގޯލް ޖަހައިދީފައެވެ.

މާލޭ ލީގުގެ ކުޅުން އިއްޔެ ފަށައިފައިވާއިރު، ޓީސީން ފުރަތަމަ ކުޅުނު މެޗުގައި މިއަދު ހަވީރު ނުކުތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗުން ޓީސީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.