26 Feb 2018, 20:33
އިދިކޮޅު ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒު ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ކުރި މުޒާހަރާއެއްގެ ތެރެއިން އެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ޕަބްލިކް ސާވިސް މީޑިއާގެ ކެމެރާމަނަކަށް އިންޒާރުދިން ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ މައްސަލާގެ ތަހުގީގަށް ފުލުހުން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ، މ. އައްސިދަ، މުހައްމަދު ސައީދު ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވައިފައެވެ.
އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 9:00 އަށެވެ.
ފުލުހުން އޭނާއަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕީއެސްއެމްގެ ކެމެރާމަނަކު މ. ކުނޫޒު ކައިރިން ދަނިކޮށް، ބަޔަކު އޭނާ ހިފަހައްޓައި އޭނާއަށް ބިރު ދައްކާފައިވާ ކަމަށެވެ.
އަދި ކެމެރާމަނުގެ އަތުގައި އޮތް ކެމެރާގައި ހުރި ވީޑިއޯ ފޮހެލުމަށް އަންގައި އިންޒާރުދީފައިވާ ކަމަށް ވެސް މުހައްމަދު ސައީދަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.
މުހައްމަދު ސައީދު ފުލުހަށް ހާޒިރުކުރަނީ ތުހުމަތުކުރާ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.