26 Feb 2018, 20:17
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ބޭއްވި ރަސްމިއްޔާތެއްގައި އެޓަވަރުތަކުގެ ބިންގާ އަޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އާއި އެކުންފުނީގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން އަޅާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފުރާހު
"ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯއިން އަޅަނީ 15 ބުރީގެ ދެ ޓަވަރެވެ. އެ ޓަވަރުތައް އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެމްސީޖީ ގްރޫޕާއެވެ. މިއީ ދެ އަހަރު ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މިއީ 27 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 356 އެޕާޓްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެއް ކޮޓަރިއާއި ދެކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހިމެނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ފްލެޓްތައް އެކުންފުނީގެ މުވައްޒިފުންނަށް ދިނުމުގައި ލުއިގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން އަޅާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފުރާހު
"އެޕާޓްމަންޓްގެ އަގުތައް ރާއްޖޭގައި އެހެން ކުންފުނިތަކުން މުވައްޒަފުންނަށް ދޭ އަގަށްވުރެ ވަކި ބޮޑެއް ނުވާނެ. އަޅުގަނޑުމެންގެ މުވައްޒިފުން ފްލެޓްތަކަށް ފައިސާ ދެއްކެވުމުގައި އެހެން އެއްވެސް ކުންފުންޏަކުން ނުދޭފަދަ ލުއިތަކެއް ދިނުމަށް އަޅުގަނޑުމެން ވަނީ ނިންމައިފައި،" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ އެސްޓިއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުނިތަކަށްވެސް އެއް ޓަވަރު އެޅުމަށް ނިންމައިފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން އަޅާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފުރާހު
މިއަދުގެ ރަސްމިޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހުޅުމާލޭގެ މުޅި އިންފްރާސްޓްރަކްޗަރުގެ މަސައްކަތް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާ ގިނައިން ރާއްޖޭގައި އުމްރާނީ މަސައްކަތްތައް ކުރިތަން މިއިން ޒަމާނަކުވެސް ފެނިގެން ގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.