އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު، ނިއުއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޓީސީގެ މިޑްފީލްޑަރ އަހުމަދު ރިލުވާން (ބެން)އަށް ދެއްކި ރަތް ކާޑަށްފަހު އެޓީމުން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.

ޓީސީއާއި ނިއުއަކީ މިދިޔަ ސީޒަންގައިވެސް އެންމެ ވާދަވެރިކޮށް ފާހަގަކޮށްލެވުނު ދެޓީމު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފްގައި ނިއުގެ ބިދޭސީ ފޯވަޑް ގުލާމް މާޓީ މިސުޓާއި އަލީ ފާސިރު (ސެންޓޭ)އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވުނެވެ. އެ ދެ ފުރުސަތުގެވެސް ހުރަހަކަށްވީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޓީސީގެ ކީޕަރު އިބްރާހީމް އިފްރާހް އަރީފެވެ.

މެޗުގެ ފުރަތަމަ ހާފްގައި ނިއުގެ ޑިފެންޑަރ ހިޝާމް ސަލީމް (ކޮކީ) އަށް ލިބުނު އަނިޔާއާ ގުޅިގެން ނިއުއިންވަނީ އޭނާގެ ބަދަލުގައި މުހައްމަދު ރަޝީދު (ހޮކޭ) ކުޅެން ނެރެފައެވެ.

ފުރަތަމަ ހާފް ނިމެންދަނިކޮށް ނިއުއިންވަނީ އިތުރު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޓީސީގެ އޭރިއާ ތެރޭގައި ހުރެ ނިއުގެ ފޯވަޑް މާޓީ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީވެސް ޓީސީގެ ކީޕަރު އިފްރާހެވެ.

ނިއުއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއުއިން މެޗުގެ ލީޑު ނެގީ 43 ވަނަ މިނެޓުގައެވެ. އަފްގާން ޑިފެންޑަރ ޒޮހީބް އިސްލާމް އަމީރީގެ އެސިސްޓުން ލީޑު ނަގައިދިނީ މުހައްމަދު އުމެއިރެވެ. ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޓީސީގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ. ޓީސީގެ ވާތް ފަޅިން ކުޅެމުންދިޔަ އަހަމަދު އައިހަމް ފޮނުވާލި ބާރު ހަމަލާ މަތަކުރަން އުޅުމުގެ ތެރޭގައި ނިއުގެ ކީޕަރު މުހައްމަދު އިމްރާން (އިންމަ) އަތުން ކައްސާލައިގެން ގޮސް ދަނޑީގައި ޖެހި ދިޔައީ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ފުރަތަމަ 20 މިނެޓު ތެރޭގައި ޓީސީންވަނީ ވަރަށް ބޮޑަށް އެޓޭކް ވަރުގަދަކޮށް ނިއުއަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޓީސީގެ ފޯވަޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ނިއުގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ހަމަލާގެ އިތުރުން އައިހަމް ތަނަވަސްކުރި ހަމަލާ ފާހަގަކުރެވުނެވެ. ނިއުގެ އޭރިއާ ތެރެއިން އައިހަމް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ނިއުގެ ގޯލް ދަނޑިއަށެވެ.

ޓީސީގެ ދެތިން ހަމަލާއަކަށްފަހު އަނެއްކާވެސް މެޗު ޑޮމިނޭޓްކުރީ ނިއުއިންނެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ނިއުއިން ލީޑު ފުޅާކުރުމާ ގާތަށް ޖެހިލިއެވެ. ދަގަނޑޭގެ ރީތި ބޯޅައަކަށް ޓީސީ އޭރިއާ ތެރެއަށްވަދެ ސެންޓޭ ފޮނުވާލި ބާރު ހަމާލަވެސް އިފްރާވަނީ ކުރިއަށް ނުކުމެ ދިފާއުކޮށްފައެވެ.

މެޗުގެ އޮއިވަރު އެންމެބޮޑަށް އެނބުރިގެން ދިޔައީ 71 ވަނަ މިނެޓުގައި ޓީސީގެ މިޑްފީލްޑަރ ބެންއަށް ދެއްކި ރަތްކާޑާ އެކުގައެވެ. ރަތް ކާޑަށްފަހު ނިއުއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޓީސީންވަނީ މެޗަށް އަނބުރާ ވަނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ނިއުގެ ފޯވަޑް ގުލާމް މާޓީ ބޯޅައާއެކު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓީސީން ކުޅުންތެރިއަކު މަދުން ކުޅުމުގެ ފައިދާނަގައި ނިއުއިން ލީޑު ފުޅާކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ. ޓީސީގެ ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖެހި ތިބި ވަގުތެއްގައި ކައުންޓާ އެޓޭކްގެ ބޭނުންހިފައި ނިއުއަށް ލީޑު ފުޅާކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ނިއުގެ ކުރިއަށް ކުޅެމުންދިޔަ ދަގަނޑޭއާއި އުމެއިރު އަދި ހަމްޕްގެ އެކުވުން އެ ގޯލްގައި ފާހަގަކޮށްލެވުނެވެ.

މެޗު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ނިއުގެ އަފްގާން ޑިފެންޑަރު އަމީރީވަނީ އެޓީމަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. އަމީރީ އެ ގޯލް ކާމިޔާބުކުރީ ސެންޓޭގެ ހިލޭޖެހުން ގޯލްގެ ކަނަށް ވައްދާލައިގެންނެވެ.

މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ ފަހު މެޗު މިރޭ އޮންނާނެއެވެ. ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ކްލަބު ވެލެންސިއާއެވެ.