26 Feb 2018, 20:25
ފުލުހުންނާ ގުޅިގެން ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދާ ކަމުގެ ތުހުމަތު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނާއި ދަރިކަނލުން ފާރިސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޝަމީމްއާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ޝަމީމްގެ ކިބައިން ދަށު ދަރަޖައިގެ އަމަލުތަކެއް ފެނިފައިވާ ކަމަށެވެ.
އެގޮތުން، ފެބްރުއަރީ 13 ވަނަ ދުވަހުގެރޭ ވަގުތެއްގައި މީޑިއާ މެދުވެރިކޮށް އެފަދަ އަމަލުތަކެއް ހިންގާފައިވާތީ، ގިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން އެ ވިދާޅުވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ، ކޯޓުތަކާއި ޓްރިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޝަމީމް ސަސްޕެންޑް ވެސް ކޮށްފައެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޝިފާން ވިދާޅުވީ، ޝަމީމްގެ މައްޗަށް ކުރާ ތުހުމަތު ތަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާއި ގަރީނާއާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް ވާހަކަދައްކައި، ފުލުހުން ހެކި އުފައްދާ ކަމަށްބުނެ ފުލުހުންނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން ކަމަށެވެ.
އޭގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރަައި ފުލުހުންގެ ގާނޫނީ މަސައްކަތަށް ދަތިކޮށް، ތަހުގީގެއްގެ މަގްސަދު ހާސިލް ވިޔަނުދިނުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ޝަމީމްއަށް ކުރާ ކަމަށް ޝިފާން މިއަދު ވިދާޅުވި އެވެ.
ފުލުހުން ހިންގަމުންދާ ބޮޑެތި ތަހުގީގުތަކާ ގުޅޭގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަ މީޑިއާތަކުގައާއި މީހުންގެ ތެރޭގައި ބައެއް ގާނޫނީ ވަކީލުން ދައްކަމުންދާކަން ފާހަގަކުރައްވާ ޕްރެސް ކޮންފަރެންސްގައި ޝިފާން ވަނީ، އެއީ ފުލުހުންގެ ތަހުގީގުތަކާއި ކުރާ މަސައްކަތްތަކަށް ރައްޔިތުންދޭ އިތުބާރު ކިލަބު ކޮށްލައި، ފުލުހުންގެ އަގު ވައްޓާލުމަށް ގަސްދުގައި ކުރާ ކަމެއް ކަމަށް ފާހަގަކުރައްވައިފަ އެވެ.
އަދި ސުލީ އަހުލާގު ހިފެހެއްޓުމަށާއި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް ގާނޫނީ ވަކީލުންގެ ކިބައިން ތަކުރާރުކޮށް ޝިފާން އެދިވަޑައިގަތެވެ.
"...އެ ކަންކަން މިހާރުން މިހާރަށް ހުއްޓާލައި ގާނޫނީ ތަރަހައާއި އޮނިގަނޑުގެ ތެރޭގައި ބެހެއްޓުމަށް ނަސޭހަތްތެރިވަން،" ޝިފާން ވިދާޅުވިއެވެ.