26 Feb 2018, 19:55
ނޫސްވެރިޔާ އަހްމަދު ރިލްވާން ގަދަކަމުން އެރުވި ކަމަށް ބެލެވޭ ރަތް ކާރާ ހަވާލުވެގެން މާލެ އާއި ހުޅުމާލެއާ ދެމެދު އެ ކާރު އުފުލާފައިވަނީ ދައުލަތުން ދައުވާ ކުރާ މީހުން ނޫން ކަމަށް ކާރު އުފުލި ދޯނީގެ ކައްޕި ބުނެފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ރިލްވާންގެ މަންމަގެ ޑީއެންއޭ ހުރި އިސްތަށި ފެނުނު ރަތް ކާރުގެ ވެރިޔަކީ ހ. ހިލްޓަން އާލިފް ރައޫފު ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ އެ ކާރު ކަމަށް ބެލެވޭ ކާރެއް ހުޅުމާލެއަށް ގެންދިޔަ ދޯނީގެ ކައްޕީގެ ހެކިބަސް ނަގާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދޯނީގެ ކައްޕި ކ. ގުޅި ވިދުކަނި އާދަމް ސަމީރު ބުނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީ ކޮޅު ރަތް ކާރެއް އޭނާ ދުއްވާ މޯފާ 265 ނަމަކަށް ކިޔާ ދޯނިން ހުޅުމާލެއަށް ގެންދިޔަކަމަށެވެ. އަދި ރިލްވާން ގެއްލުނު ކަމުގެ ޚަބަރު ލިބުނުތާ މާ ގިނަ ދުވަސްތަކަށް ނުވެ ރަތް ކުލައިގެ ކާރެއް ހަމަ އެ ދޯނިން، ހުޅުމާލެއިން މާލެއަށް ގެނައި ކަމަށް އޭނާ ބުންޏެވެ. ހުޅުމާލެ އިން މާލެ ކާރު ގެނައީ އެހެން ކައްޕި އެއް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އިއްތިފާގުން އެ ދުވަހު ކާރު މާލެއަށް ބޭލި ތަނަށް އޭނާއަށް އާދެވުނު ކަމަށް ސަމީރު ހެކިބަސް ދެމުން ބުންޏެވެ.
ރަތް ކުލައިގެ އެ ކާރުގެ ރަޖިސްޓްރީ ނަމްބަރު ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެއީ ޓެކްސީ އެއް ނޫން ކަން ކަށަވަރުކަމާއެކު ބުނަން އެނގޭ ކަމަށް ފަސް އަހަރު އެ ދޯނީގައި ވެހިކަލް އުފުލި ސަމީރު ބުންޏެވެ.
"އެ ކާރާއި ހަވާލުވެގެން ހުރީ މިތަނުން (ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުލާފައިފާ އާލިފް ރައޫފް އާއި މުހައްމަދު ނޫރައްދީން) އެކަކު ވެސް ނޫން. ތަންކޮޅެއް ޔަންގު ގޮލައެއް އެ ދުވަހު ހުރީ،" އާދަމް ސަމީރު ބުންޏެވެ.
ރިލްވާން ގަދަކަމުން އަރުވާފައިވަނީ ރަތް ކުލުއިގެ ކާރަކަށް ކަމަށް އަޑުފެތުރުމާއި އެކު އެ ދޯނިން ރަތް ކާރު އުފުލި ވާހަކަ ފުލުހުންނަށް އިސްވެ ރިޕޯޓް ކޮށްފައިވާނެ ކަމަށް ވެސް ސަމީރު ބުންޏެވެ.
ރިލްވާން ގެއްލުނު ރޭ ގަދަކަމުން މީހަކު ކާރަކަށް އެރުވި މަންޒަރު ފެނުނު މީހެއްގެ ހެކިބަސް މިއަދުގެ އަޑުއެހުމުގައި ވަނީ ނަގާފައެވެ. މީގެކުރިން ވެސް ވަނީ އެ މަންޒަރު ފެނުނު ބައެއް މީހުން ހެކިބަސްދީފައެވެ. ކުރިންވެސް ހެކިބަސް ދިން މީހުންނެކޭ އެއްގޮތަށް މިއަދު ހެކިބަސް ދިން މީހާވެސް ބުނީ ގަދަ ކަމުން މީހަކު ރަތް ކާރަކަށް އެރުވި މަންޒަރު ފެނުނު ކަމަށާއި ނަމަވެސް އެއީ ކާކު ކަމެއް އަދި ކޮންބައެއް ކަމެއް ވެސް ސާފުވާ ގޮތް ނުވާ ކަމަށެވެ.
ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލާގައި ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮގަސްޓުގެ އަށް ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި އެ މައްސަލަ ލަސްވަމުންދަނީ ދައުލަތުން ހެކީން ހާޒިރުކޮށްދިނުމުގައި ލަސްވާތީއެވެ.