26 Feb 2018, 18:08
އއ. ރަސްދޫގައި މަސައްކަތް ކުރަމުންދިޔަ ހަތަރު އެސްއޯ ފުލުހަކު ހައްޔަރުކޮށްފި އެވެ.
ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނީލް "ސަން" އަށް ވިދާޅުވީ، އެމީހުން ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި އެރަށަށް ފުލުހުންގެ ޓީމެއް ގޮސްގެން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރަސްދޫ އަށް އުފަން ފުލުހަކާއި ރަށުން ބޭރު ތިން ފުލުހަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި އެމީހުން އެރަށަށް ބަދަލު ކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށާއި ރަށަށް ބަދަލުކުރުމަށްފަހު އެމީހުން ގެންގުޅުނު ފޯނު ވެސް އަތުލި ކަމަށް މައުލޫމާތު ދިން އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. އެހެންކަމުން އެމީހުން މިވަގުތު ހައްޔަރު ކޮށްފައި ތިބީ ކޮންތަނެއްގައި ކަމެއް ވެސް އަދި ނޭނގެއެވެ.
ރަސްދޫ އިން ހަތަރު އެސްއޯ ފުލުހަކު ހައްޔަރުކުރިއިރު، ކުޅުދުއްފުށިން ވެސް ވަނީ ފުލުހަކު ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ހުސެއިން ސައިފް ހައްޔަރުގައި ހުރިއިރު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން މިހާރު ވަކިކޮށްފައެވެ.