ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ތެރޭގައި އޮންނަ ސްޕެޝަލްް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

ފުލުހުންގެ ސަޕޯޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދަނިކޮށް، ދިރިއުޅޭ ހ. ކިނބިމާގެއިން ސައިފް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، ސައިފް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.

ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް -- ފޮޓޯ: މީސްމީޑިއާ

"ސަން" އަށް އެނގިފައިވާ ގޮތުގައި، ސައިފަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެކުލަވާލި ޓީމްގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ. އެރޭ މާލެގައި ކުރި މުޒާހަރާގައި އެސްއޯ ފުލުހުންނާއި ސައިފްއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ކަމަށް ވަނީ އެނގިފައެވެ.

ސައިފުގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ކުޅުދުއްފުށިން ވެސް ފުލުހަކު ހައްޔަރުކޮށްފައިވާއިރު މިއަދުގެ ވަގުތެއްގައި އއ. ރަސްދޫން ވެސް ހަތަރު ފުލުހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

ނަމަވެސް އެމީހުންގެ މައްޗަށް ފުލުހުން ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް އަދި ނޭނގެއެވެ.