27 Feb 2018, 08:50
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ހެދި، ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ މާކެޓަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށް ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވެއްޖެއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ސަފީރު ޝިއާން ވިދާޅުވީ، ފަތުރުވެރިންގެ މާކެޓަށް އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނަނީ ބައެއް ޓުއާ އޮޕަރޭޓަރުން ކަމަށެވެ.
"މިކްސްއެއް މި އުޅެނީ. ބައެއް ޓުއާ އޮޕަރޭޓަރުން އެބަ ބުނޭ އެހާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއޭ. ބައެއް މީހުން ބުނޭ ޑިކްލައިނެއް އެބަ އުޅެއޭވެސް،" ޝިއާން ވިދާޅުވިއެވެ.
ޝިއާން ވިދާޅުވީ ރާއްޖެއަށް ޓޫރިޒަމް މާކެޓުތަކުގެ ތެރެއިން ވިލާތުގެ އިއްތިހާދުގެ ޓޫރިސްޓު މާކެޓަށް ރާއްޖޭގެ ހާލަތާ ގުޅިގެން މާ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ.
"އީޔޫ މާކެޓަށް ނާދޭ މާ ބޮޑު އިމްޕެކްޓެއް. އެކަމަކު ދުނިޔޭގެ އެހެން ކަންކޮޅުތަކަށް އެބަ އާދޭ ޑިކްލައިނެއް. މިސާލަކަށް އިންޑިއާ އަދި ޗައިނާ ފަދަ މާކެޓުތަކަށް މި ހާލަތާ ގުޅިގެން ޑިކްލައިނެއް އައިސްފާނެ،" ސަފީރު ވިދާޅުވިއެވެ.
ސަފީރު ޝިއާން މިހެން ވިދާޅުވެފައިވާ އިރު، ވިލާތުގެ އިއްތިހާދުގެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ހާލަތު އޮތްގޮތުން، ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވާކަމަށް ބުނެފައެވެ.
ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައިވާ އިރު، ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ރާއްޖެއާ މެދު ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ޓޫރިޒަމް މާކެޓުތައް ކަމުގައިވާ އިނގިރޭސިވިލާތް، ޖަރުމަނު އަދި ރަޝިއާ ފަދަ ގައުމުތައް ހިމެނެއެވެ.
އޭގެ އިތުރުން ސްޕެއިންގެ އެވެލޮޕް އެއާލައިންސްއިން ރާއްޖެއަށް މިއަހަރުގެ މެއި މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމައަށް ވެސް ވަނީ، ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތާ ގުޅިގެން ކެންސަލް ކޮށްފައެވެ.