ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފްތާގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެގޮތަށް ވިދާޅުވީ، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކުރާ މައްސަލާގައި ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތައް ހިއްސާ ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައެވެ.

ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ފުލުހުން ކުރާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހިމެނިވަޑައިގަންނަވައެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތުމަތު ނާސިރާއާއި، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދަށް ވެސް ފުލުހުން ދަނީ އެ ތުހުމަތު ކުރަމުންނެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޝިފާން ވިދާޅުވީ، ކުރީގެ ރައީސް މައުމޫނާއި ދަރިކަނލުން ފާރިސް އަދި ނަދީމް ވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ހެކި ތަހުގީގުގެ ތެރެއިން ހޯދި، އެ ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ކުރިން ރައީސް މައުމޫނާއި ފާރިސް އަދި ނަދީމް އިސްވެ ތިބެ، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ވެސް ރިޝްވަތު ދީގެން މަޖިލިސް މެދުވެރިކޮށް، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ހެކި ވެސް ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އެގޮތުން، މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ގޮތަކަށް ޖުޑީޝަރީ ބައްޓަންކޮށް، ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މަސައްކަތް ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.

އޭގެ އިތުރުން، ފުލުހުން ތަހުލީލް ކުރަމުންދިޔަ ހެކި އަނބުރާ އެތަކެތި ނިސްބަތްވާ ފަރާތްތަކަށް ރައްދުކުރުމަށް އަމުރު ނެރެ، އެ ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާތަކެއް ލިބިދިނުމަށް ވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަސައްކަތް ކުރި ކަމަށް ތަރުޖަމާން ޝިފާން މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭން ބޭރުން އަގުބޮޑެތި ފުލެޓް ގަތުމަށް ސުޕްރީމް ކޯޓުގެ ދެ ފަނދިޔާރުންނަށް އިތުރު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރު ތުހުމަތުތަކެއް ކުރެވޭ ގޮތަށް ދީފައިވާ ކަމަށް ނުވަތަ ހޯދާފައިވާ ކަމުގެ ޑޮކިއުމެންޓަރީ އެވިޑެންސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ފަނޑިޔާރު އަލީ ހަމީދަށް ރާއްޖޭގެ ވިޔަފާރި ކުރަމުން އަންނަ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެެ ލޯނު އެހީއެއް ދީފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ފުލުހުން އަދިވެސް ބުނެފައެއް ނުވެއެވެ.

އަލީ ހަމީދަށް އެ ފައިސާ ދިނީ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ކަމަށް ސަން އަށް ވަނީ އެނގިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް ގާސިމް އިބްރާހިމް ވަނީ ވަރަށް ފަހުން ދޮގު ކޮށްފައެވެ.

ޝިފާން މިއަދު ވިދާޅުވީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތަހުގީގުގައި، ހައްޔަރުކޮށްފައި ތިބި ބައެއް ބޭފުޅުންގެ ބައެއް މުއާމަލާތްތަކެއް ރާއްޖޭން ބޭރުގައި ހުރުމުން ރާއްޖޭން ބޭރަށް ފުލުހުން ފޮނުވައިގެން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި، ރާއްޖޭން ބޭރުން މީގެ ތެރެއިން ބައެއް ފަރާތްތަކުން ގަނެފައިވާ ފްލެޓްތަކާއި ހޯދަންޖެހޭ ހޯދުންތައް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ހައްޔަރުގައި ތިބި ބޭފުޅުންނާ ގުޅުންހުރި މުހިއްމު ބައެއް ސާމާނާއި މައުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، ތަހުގީގު ތެރެއިން ރާއްޖޭން ބޭރުން އެކަންކަން ކުރެވިފައިވާ ގޮތް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.