26 Feb 2018, 16:56
މެލޭޝިއާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއަށް ދިން 500 ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރެއިން 250 ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މެލޭޝިއާގެ މި ސްކޮލަޝިޕް ފުރުސަތުތަކަކީ މެލޭޝިއާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެޑިއުކޭޝަން މެލޭޝިއާ ގުލޯބަލް ސާވިސަސްގެ ފަރާތުން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެއަށް ދިން ފުރުސަތުތަކެކެވެ.
މެލޭޝިއާގެ ޕަބްލިކް އަދި ޕްރައިވެޓް 17 ޔުނިވާސިޓީއަކުން ހުޅުވާލައި އެ ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ 100 މާސްޓާސް ޑިގްރީ އަދި 400 ބެޗްލާސް ޑިގްރީ ސްކޮލަޝިޕް ފުރުސަތެކެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން އިން މިއަދު އިއުލާނެއްގައި ބުނީ، މި ބުރުގައި ދޭން ހަމަޖެހިފައިވަނީ މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ 50 ފުރުސަތާއި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ 200 ސްކޮލަޝިޕް ކަމަށެވެ.
މެލޭޝިއާގައި މަތީ ތައުލީމް ހާސިލްކުރުމަށް ދެވޭ ޔުނިވާސިޓީތަކުގެ ތެރެއިން ޔުނިވާސިޓީ ޓެކްނޮލޮޖީ މާރާ އަދި މަލާޔާ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީ ސަބްސިޑައިޒް ކޮށްފައިވާއިރު، އެހެން ހުރިހާ ޔުނިވާސިޓީތަކުގެ ކޯސްތަކުން، 50 ޕަސެންޓް ކޯސް ފީ ހިލޭ ހަމަޖެހިގެންދާނެ އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، ސްކޮލަޝިޕަށް ދައްކަންޖެހޭ ބާކީ ދަރިވަރުގެ އަމިއްލަ ހަރަދުގައި ނުވަތަ ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ލޯނެއްގެ ގޮތުގައި ހަމަޖައްސައިދެވޭނެ ކަމަށެވެ.
މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައެވެ.