ސެޕްޓެމްބަރު 20 2003ގައި މާފުށީ ޖަލުގައި ހިނގައި ދިޔަ ބަޑިޖެހުމުގެ ހާދިސާގައި ގައިދީންގެ ގަޔަށް ބަޑި ޖެހުމުގެ އަމުރު އެއްވެސް ފަރާތަކުން ނެރެފައިވޭތޯ އާއި އެ ހާދިސާ ހިނގައި ދިޔަގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާ ލައްވައިފި އެވެ.

ކުރީގެ ސަރުކާރުން އެ މައްސަލަ ތަހުގީގުކޮށް ޝަރީއަތްކޮށް ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބެލުމަށް ރައީސް އެކުލަވާލި ކޮމެޓީގައި ހިމެނެނީ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒާއި އަދި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި އެ ކޮމެޓީ އެކުލަވާލާފައި ވަނީ، ރައީސް ނަޝީދު ކެބިނެޓަށް ހުށަހެޅުއްވި "2003 ސެޕްޓެމްބަރު 19 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހުން މެރުމުގެ ކުށުގައި ހުކުމް އިއްވާފައިވާ މީހުންގެ މައްސަލާގައި" ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހުގަ އެވެ.

"... ޝަރީއަތަށް ކުށް ސާބިތުވެފައިވާ މީހުންގެ އިތުރުން، މި ހާދިސާގައި ބަޑި ޖެހުމުގެ އަމުރު، އެއްވެސް ފަރާތަކުން ނެރެފައިވޭތޯ ބައްލަވައި، މި މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށާއި އަދި މިކަން ހިނގައިދިޔަ ގޮތް ބައްލަވައި، މި މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް... ކޮމެޓީއެއް އުފައްދެވި (އެވެ)،" މިއަދު ނެރުނު ގެޒެޓުގައި ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކުގެ ދަށުން ބުނެފައިވެ އެވެ.

އެ ހާދިސާގެ ނުވަ އަހަރު ދުވަސް ފަހުން ސަރުކާރުން އެ މައްސަލަ މުޅިން އަލަށް ބަލަން ނިންމީ ގައިދީންގެ ގަޔަށް ބަޑިޖަހައިގެން އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި މީހުން، ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް އަލުން އެ އެންމެން ޖަލަށް ވެސް ބަދަލުކޮށްފައި ވަނިކޮށެވެ.