25 May 2010, 15:06
19:00
ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްޤީ ކުރައްވާ ފްލެޓްތަކަށް އެދޭ ފަރާތްތަކަށް ހައުސިން ބެނިފިޓްސް ދޭނެ އުސޫލެއް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިގޮތަށް ހަމަޖެއްސެވީ ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްޤީ ކުރައްވާ ފްލެޓްތަކަށް އެދޭފަރާތްތަކަށް ހައުސިންގ ބެނިފިޓް ދޭނެ އުސޫލެއް ކަނޑައެޅުއްވުމަށް، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓުން އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ސޯޝަލް ހައުސިން ބެނިފިޓްސް ދެއްވުމުގައި ބައްލަވާނެ އެންމެ މުހިންމު އެއް ކަމަކީ، އާއިލާއަކަށް އާމްދަނީގެ ގޮތުގައި ލިބޭ ޖުމްލަ މިންވަރު ފަސް ހާސް ރުފިޔާ ނުވަތަ އެއަށްވުރެ ދަށް އާމްދަނީއެއް ލިބޭ އާއިލާއަކަށް ކަނޑައެޅޭ ހައުސިން ބެނިފިޓްސްގެ ޖުމްލަ އަދަދު ދެއްވުން ކަމަށާއި އަދި ހައުސިން ބެނިފިޓްސް ލިބުން ޙައްޤުވާނީ، އެ އާއިލާއަކަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ޖުމްލަ މިންވަރު ފަންސަވީސް ހާސް ރުފިޔާއަށްވުރެ މަދުން ލިބޭ އާއިލާތަކަށް ކަމަށް ވެސް މިއަދުގެ ޖަލްސާއިން ނިންމެވި އެވެ.
ވަޒީރުންގެ މަޖިލީހުން މި ނިންމެވި އުސޫލު، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.