26 Feb 2018, 15:08
ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމު ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށާއި އޭނާގެ އާއިލާއަށް ތަފާތު އިންޒާރުތައް ދެމުން ދާކަން ހާމަކުރައްވައިފިއެވެ.
އާޒިމާ ރޭ ފޭސްބުކްގައި ކުރެއްވި ޕޯފސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަށް ތަފާތު ގޮތްގޮތުން ބިރު ދައްކަމުން ދާ ކަމަށާއި، ލޭ އޮހޮރުވާލާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް އިންޒާރަަކަށް ފަހަތަށް ޖެހި ވަޑައިނުގެން، ގައުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެންގެ ލޭ އޮހޮރުވާލާނެކަމަށް ބުނެ އަހަރެންގެ ދަރިފުޅަށްވެސް އިންޒާރު ދީފި. އަހަރެންގެ ސްޓާފުންނާއި އަހަރެންގެ ރަހުމަތްތެރިންނަށް ވެސް ވަނީ މިގޮތަށް އިންޒާރު ދީފައި. އެކަމަކު އެއިން އެއްވެސް އިންޒާރަަކަށް ފަހަތަށް ނުޖެހި، ކުރިއަށް އޮތް ތަނުގައި ވެސް ގައުމަށްޓަކައި މަސައްކަތް ކުރާނަން،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މިކަމަށް ހިތްވަރުދޭ ބަޔަކު ދުރާއި ގާތުގައިވެސް އެބަ ތިބި ކަމަށާއި އެކަން ކުރިން ވެސް ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އާޒިމާއަށް ގެއްލުމެއް ދިނުމަށްޓަކައި އާއިލާއަށާއި ރަހުމަތްތެރިންނަށް އިންޒާރުދީ ހަދާނީ ފިނޑިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކުށެއް ނެތް ބަޔަކަށް އިންޒާރު ދީގެން ކާމިޔާބު ވާނެ ކަމަށް ހީކުރާނީ ނާކާމިޔާބު ފިނޑިން." އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އައިސްފައިވާ ހަލަބޮލި ކަމުގައި، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރު ދިފާއުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.