ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ސިޔާސީ މެމްބަރުން މަޖިލީހަށް މިހާރު ވަޑައިގަންނަވަނީ އެބޭފުޅުންގެ މުސާރައާ އެކު ލިބޭ ކޮމިޓީ އެލަވަންސް ހޯދުމުގެ ބޭނުމުގައި ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްއިން ތުހުމަތުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މިހާރު ފަށާފައިވާ އިރު، ދައުރުގެ ދެވަނަ ޖަލްސާ މިއަދު ވަނީ ބާއްވައިފައެވެ. މިއަދުގެ ޖަލްސާގައި އޮތީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުގެ ނަން ހުށަހެޅުމާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަނުކުރާ މެމްބަރުގެ ނަން ހުށަހެޅުމެވެ.

މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ހާޒިރުވެފައި ނުވާކަމަށް ޕީޕީއެމްއިން ބުންޏެވެ.

އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހަށް ހެނދުނު ވަޑައިގެން، ހާޒިރީ ފޮތުގައި ސޮއިކުރެއްވި ކަމަށެވެ. އެހެން ނަމަވެސް "ޗެމްބަރަށް ވަޑައިނުގަންނަވައި، ބޭރުގައި ސައި ކޮޓަރީގައި ތިއްބެވި" ކަމަށާއި، "ކޮމިޓީތަކަށް ބަރާބަރަށް ވަޑައިގަންނަވާ" ކަމަށެވެ.

"ހާޒިރީގައި ސޮއިކުރީމަ މަޖިލީހުން މުސާރަ ލިބޭނެ ޗެމްބަރަށް ވަނަސް ނުވަނަސް. އެއީ އެކަން ހަމަޖެހިފައިވާ ގޮތް. އެކަމަކު ކޮމިޓީ އެލަވަންސަކީ ކޮމިޓީއަށް ހާޒިރުވެގެން ނޫނީ ނުލިބޭ އެއްޗެއް. އެބޭފުޅުން މިއަދު ކޮމިޓީތަކަށް ދިޔަ،"

އަދުރޭ ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު ހުރިހާ ބޭފުޅުންވެސް އެބޭފުޅުން ހިމެނޭ ކޮމިޓީތަކަށް މިއަދު ވަޑައިގެން ހާޒިރީގައި ސޮއިކުރީ ކޮމިޓީ އެލަވަންސް ހޯދުމުގެ ބޭނުމުގައެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މަޖިލީހުގެ ޗެމްބަރުގައި މިއަދު އޮތީ ދެ ބޭފުޅެއްގެ ނަން ހުށަހެޅުން ކަމަށާއި، އެއީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާންޖެހޭ ވަރުގެ ބޮޑު ކަމެއްވެސް ނޫން ކަމަށެވެ.

"ޗެމްބަރުގައި ފެށި މަސައްކަތާ ޖެހިގެން އޮތް މަރުހަލާ ގައުމީ ސަލާމަތުގެ ކޮމިޓީގެ ދިރާސާ މަސައްކަތުގެ ގޮތުގައި ބަލައިގެން ކުރިޔަށް ގެންދިޔައީ. އެކަމުގައި އިދިކޮޅު ބޭފުޅުން ބައިވެރިވެގެން ވޯޓުވެސް ދެއްވި،" ކޮމިޓީގައި މިއަދު ކުރިޔަށް ދިޔަ މަސައްކަތްތައް ނިހާން ކިޔައިދެއްވިއެވެ.

ނިހާން ވިދާޅުވީ މަޖިލީހަށް ހާޒިރުވިކަމަށް ބެލެވެން ޖެހޭނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، މަޖިލީހަށް ހާޒިރުވެ، ޗެމްބަރަށް ވެދެވަޑައިގެން ކާޑުކޮޅު ޖެއްސެވީމާ ކަމަށެވެ.

"ޗެމްބަރަށް ވަޑައިގަތުމާ މަޖިލީހުގެ މުސާރައާ ގުޅުމެއް ނެތްކަމަށް [އެބޭފުޅުން] ދެކެވަޑައިގަންނަވަނީ. ގަވައިދުގައި އޮންނަ ފަސޭހަކަމުގެ ނާޖާއިޒު ފައިދާ އެ ނަންގަވަނީ،" ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ދެއެވެ. ނަމަވެސް ކޮމިޓީ އެލަވަންސް ލިބޭނީ ކޮމިޓީތަކަށް ހާޒިރުވާ މެމްބަރުންނަށެވެ.