ހުއްދަ މިންވަރަށް ވުރެ ގިނައިން ސިނގިރޭޓް ގެންގުޅުނު ދިވެހި ކުއްޖަކު ސްރީލަންކާގައި ހައްޔަރުކޮށްފި އެވެ.

އަށާރަ އަހަރުން ދަށުގެ ދިވެހި ފިރިހެން ކުއްޖަކު ލަންކާގައި ހައްޔަރުކޮށްފައި ވަނީ މީގެ ދެ ދުވަސްކުރިން ކަމަށް އެނގިފައިވެ އެވެ.

ލަންކާގެ ގާނޫނު ހުއްދަކުރާ ވަރަށް ވުރެ ގިނައިން ސިނގިރޭޓް ގެންގުޅުނު އެ ކުއްޖާ މިހާރު ހުރީ ބަންދުގަ އެވެ. ބަންދުން ދޫކޮށްލާނީ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

ލަންކާގެ ގާނޫނުތައް ބުނާ ގޮތުން އެ ގައުމަށް ދާ މީހަކަށް ގެންދެވޭނީ ގިނަވެގެން ތިން ކާޓޫނު ސިނގިރޭޓެވެ. އެއަށް ވުރެ ގިނައިން އަތުގައި ބަހައްޓައި، އަދި އޭގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން ސިނގިރޭޓު ގެންގުޅުމަކީ ވެސް މަނާ ކަމެކެވެ.

އެ ކުއްޖާގެ އަތުން ފެނުނީ ކިތައް ކާޓޫނު ސިނގިރޭޓް ކަމެއް ނޭނގެ އެވެ.

ގަވައިދާ ހިލާފަށް ސިނގިރޭޓު ގެންގުޅުނު ދިވެހިން މީގެ ކުރިން ވެސް ލަންކާ އިން ވަނީ ހިފަހައްޓައިފަ އެވެ. އެމީހުން ދޫކޮށްލާފައި ވަނީ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެެ.