ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ނިމިގެން ދިޔަ ބޮލީވުޑް އެކްޓަރު މޯހިތު މަރްވާގެ ކައިވެނީގެ ހަފްލާގައި އެންމެންގެ ލޯތައް އަމާޒުވީ ބޮލީވުޑްގެ "ޑީވާ" ސްރީދޭވީ އަށެވެ.

އުމުރުން 50 އަހަރުން މަތިވި އިރުވެސް ސްރީދޭވީގެ ރީތިކަން ފަނޑެއް ނުވެ އެވެ. ސިއްހަތު ރަނގަޅެވެ. އެހެންކަމުން ސްރީދޭވީގެ ކުއްލި މަރުން އެންމެނަށް ވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. މުޅި ބޮލީވުޑަށް އަދި ހިންދީ ސިނަމާއަށް ވެސް އެއީ ކަޅު ދުވަހެކެވެ. އެހެންކަމުން އެ ރޭ ކަންތައް ހިނގައި ދިޔަ ގޮތް އެނގެން އެންމެން ވެސް ތިބީ ބޭނުންވެފައެވެ.

ސްރީދޭވީ އާއި އޭނާގެ ފިރިމީހާ، ބޯނީ ކަޕޫރު އަދި ހަގު ދަރިފުޅު ޚުޝީ ކަޕޫރު ދުބާއީއަށް ދިޔައީ މޯހިތުގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ. ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީއަށް ހަފްލާގައި ބައިވެރިނުވެވުނީ ފިލްމެއްގެ ޝޫޓިން ކުރިއަށް ދާތީ އެވެ.

ސްރީދޭވީ އޭނާގެ ފިރިމީހާ އަދި ދެ ކުދިންނާ އެކު ---

ކައިވެނީގެ ހަފްލާ ނިމުމުން ބޯނީ އާއި ޚުޝީ ވަނީ އެނބުރި އިންޑިއާ އަށް ގޮސްފައެވެ. ނަމަވެސް ސްރީދޭވީ ދުބާއީގައި މަޑުކުރީ އެވެ.

ޚަލީޖީ ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯނީ ވަނީ ސްރީދޭވީއަށް ސަޕްރައިޒެއް ދިނުމަށް ހޮނިހިރު ދުވަހު އެނބުރި ދުބާއީއަށް ގޮސްފައެވެ. އަދި އެ ދުވަހު ހަވީރު 5:30 ހާއިރު، ސްރީދޭވީ މަޑުކޮށްގެން ހުރި ހޮޓަލަށް ބޯނީ ދިޔަކަމަށާއި ދެމީހުން އެކުގައި ބޭރަށް ދާން ރޭވި ކަމަށެވެ.

ސްރީދޭވީގެ ހިތް ހުއްޓިގެން އޭނާ ވެއްޓުނީ ފިރިމީހާ އާއެކު ޑޭޓަކަށް ދާން ތައްޔާރުވާން ފާޚާނާގައި ހުއްޓައެވެ. ސްރީދޭވީ ވެއްޓިފައި އޮއްވާ ފެނުނީ އޭނާ ފާޚާނާގައި ގިނައިރުވެ، ޖަވާބު ނުދޭތީ ދޮރު ހަލާކު ކޮށްލައިގެން ބޯނީ ކަޕޫރު ފާޚާނާއަށް ވަނުމުންނެވެ. އޭރު ސްރީދޭވީ އޮތީ ފުރިފައި ހުރި ޓަބުގެ ތެރޭގައި ހޭނެތިފައެވެ.

ސްރީދޭވީ ހޭ އަރާތޯ ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި ވަނީ އެ ރޭ ނުވައެއް ޖަހާ އެހާކަށް ހާއިރު އެވެ. ސްރީދޭވީ ޕެރަމެޑިކްސް އަށް ހޮޓަލަށް ދެވުނު އިރު ވެސް ސްރީދޭވީ މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އޮޓޮޕްސީ ހެދުމަށް ސްރީދޭވީގެ ހަށިގަނޑު ފޮނުވާލި އެވެ.

އޮޓޮޕްސީގެ ނަތީޖާ މިހާރު ލިބިފައި ވާއިރު، ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިއަދު ސްރީދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެންދިއުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފިލްމީ ދާއިރާގައި ސްރީދޭވީ މަސައްކަތް ކުރާތާ 50 އަހަރު ވެފައިވާއިރު، އޭނާ އަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަނިކަން ކުރި ފަންނާނެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީ ދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ. ސްރީދޭވީ 275 ފިލްމު ކުޅެފައި ވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.

ސްރީދޭވީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، 'ޗާލްބާޒް'، "'ނާގިން"، "ސަދްމާ" ފަދަ ފިލްމުތައް ހިމެނޭ އިރު، އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "މޮމް" އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.