ދިވެހި ފަންނުވެރިންގެ މަސައްކަތްތައް އިޝްތިހާރުކުރަން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

އެންސީއޭ އިން ކުރި އިއުލާނެއްގައި ބުނީ އެ ސެންޓަރުގެ މެންޑޭޓްގައިވާ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ހުރިހާ ފަންނުވެރިންނަށް އެހީތެރިވެދިނުމުގެގޮތުން އެއްވެސް އަގެއްނެގުމަކާނުލާ ހުރިހާ ފަންނުވެރިނަށް ހަމަހަމަ ގޮތެއްގައި އެމީހުންގެ މަސައްކަތް އެންސީއޭގެ ސޯޝަލް މިޑިއާގެ ޕޭޖް ތަކުން އިސްތިހާރު ކޮއްދިނުމަށް ވިސްނަމުންދާ ކަމަށެވެ.

ފަންނުވެރިންގެ ފަރާތުން ލިބޭ ސަޕޯޓަށް ބަލައި، ކަނޑައެޅޭ އުސޫލުތަކެއްގެމަތިން ރިސޯޓްތަކާއި، އެއަރޕޯޓްތައްފަދަ ތަންތަނުގައިވެސް އެމީހުންގެ މަސައްކަތް އިސްރިހާރުކުރަން މަސައްކަތް ކުރާނެ ކަމަށް އެންސީއޭ ގެ އިއުލާނުގައި ވެއެވެ.

އެގޮތުން ފަންނުވެރިންގެ މައުރަޒުތައް އިސްތިހާރުކޮށް، ފަންނުވެރީން ތައްޔާރުކުރާ ތަކެތި، ފަންނުވެރިން ވިއްކުމަށްޓަކައި އެން.ސީ.އޭ ގެ ވެބްސައިޓް، ސޯޝަލް މީޑިއާ އަދި ހަމަޖެހޭ އެހެނިހެން ތަންތަނުގައި އިސްތިހާރު ކޮއްދީ، ދިވެހިފިލްމް ފުރަތަމަ ރިލީޒްކުރުމަށް އިސްތިހާރުކޮއްދިނުމަށް (ފިލްމު ޕްރޮމޯޓު ކޮށްދިނުމަށް) ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިވެހި ފަންނާނުންގެ މިއުޒިކްބޭންޑްތަކާއި މިއުޒިކްޝޯ ތައް އިޝްތިހާރުކޮށްދީ، ވެހި ފަންނުވެރިންގެ ފިލްމް، މިއުޒިކް، ކުރެހުން ފަދަ ފަންނުވެރިންގެ ތަކެތި ގަންނަން ލިބެން ހުންނާނެ ތަންތަން އާއްމުކޮށް އިސްތިހާރުކޮށްދޭނެ ކަމަށާއި، ބޮޑުބެރު، ތާރަ، ދަނޑި، މިއުޒިކް، ލަނގިރި ފަދަ ގުރޫޕްތަކުން އާއްމުކޮށް ތަންތަނުގައި ޝޯ ދޭ އަގުތައް އިޝްތިހާރު ކޮށްދިނުމުގެ އިތުރުން ޖާދޫގެ ފަންނު އިސްތިހާރުކޮށްދޭން ނިންމާފައިވާ ކަމަށް އެންސީއޭ އިން ބުނެއެވެ.

ފަންނުވެރިންގެ ތެރެއިން އެންސީއޭގެ އެހީ ބޭނުންވާ ފަރާތްތަކުން އެންސީއޭއަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.