22 Aug 2011, 14:23
މި އަހަރުގެ ރޯދަ މަހުގެ ފިތުރު ޒަކާތް ހޯދުމަށް، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރު މީހުންގެ އަދަދު މިދިޔަ އަހަރު ރޯދަ މަހަށް ވުރެ 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ޒަކާތަށް އެދޭ މީހުން އިސްލާމިކް މިނިސްޓްރީގައި ނަން ނޯޓު ކުރުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު، އެ މިނިސްޓްރީން ބުނީ، މިއަހަރު 10636 މީހުން ނަން ނޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރު، ޒަކާތް ވާޖިބުވާ މީހުންގެ ގޮތުގައި ނަން ނޯޓް ކުރި މީހުންނަށް ވުރެ، 1316 މީހުން އިތުރު އަދަދެއް ކަމަށެވެ.
މިދިޔަ އަހަރު ފިތުރު ޒަކާތް ހޯދުމަށް ނަން ނޯޓުކޮށްފައި ވަނީ 9320 މީހުނެވެ.
ފިތުރު ޒަކާތުގެ ފައިސާ ހޯދުމަށް ކުރިން ވަކި ބަޔަކު ނަން ނޯޓުކުރަމުން ދިޔަ ނަމަވެސް ފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީން ވަނީ އެކަމަށް އެދޭ ހުރިހާ ފަރާތްތަކަކަށް އެ ފުރުސަތުދީފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަހުމަދުﷲ ވިދާޅުވީ ނަން ނޯޓުކުރުމުގައި މިންގަނޑުތަކެއް އޮތްނަމަވެސް އެގޮތަށް އަމަލު ނުކުރަނީ އެ މިންގަނޑުން ޒަކާތު ފައިސާ ބޭނުންވާ މީހުން ދެނެގަންނަން އުނދަގޫވާތީ ކަމަށެވެ.
"މިންގަނޑުތަކެއް އެބައޮތް. ނަމަވެސް އަޅުގަނޑުމެން އެ މިންގަނޑުތަކަކަށް ނުބަލަން. އެއީ މީހެއްގެ ބޭރު ފުށުން ބަލާފައި ނޭނގޭނެ އެމީހަކީ އެ ފައިސާ ބޭނުންވާ މީހެއް ކަމެއް ނުވަތަ ނޫންކަމެއް. އެހެންވެ ނަން ނޯޓު ކުރާ މީހުންނަކީ ފައިސާ ލިބެން ޝަރުތު ހަމަވާ މީހެއް ކަމަށް ބަލަނީ. އެމީހަކަށް އެނގޭނީ އެމީހަކު ޝަރުތު ހަމަވަންޏާ،" އަހުމަދު ﷲ ވިދާޅުވި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި އެ ފަރާތްތަކަށް ބަހާނެ ފައިސާ ކަނޑައަޅާނީ ފިތުރު ޒަކާތްނަގައި ނިމުމުން އެ ލިބުނު ފައިސާގެ ނިސްބަތުންނެވެ.
އަހުމަދު ﷲ ވިދާޅުވީ އިއްޔެ އާ ހަމައަށް 52606 މީހުން ޒަކާތް ދެއްކި އިރު 1.4 މިލިއަން މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 2.3 މިލިން ރުފިޔާ ދެއްކި އެވެ.
މި އަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުން ނަމަ 10ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 32 ރ. އެވެ. އަދި މޮޅު ހަނޑުލުން ނަމަ 53ރ. އެވެ.