26 Feb 2018, 12:05
ބަޣުދާދު (ފެބްރުއަރީ 26): އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުނު ތުރުކީގެ 15 އަންހެނަކު މަރަން އިރާގުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ބަޣުދާދުގެ ކޯޓަކުން އިއްޔެ އެހުކުމް ކުރީ 20 އަހަރާއި 50 އަހަރާ ދެމެދުގެ 15 އަންހެނުންނަށެވެ. އަދި އިތުރު އަންހެނެއްގެ މައްޗަށް ވަނީ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
ކޯޓުން ބުނި ގޮތުގައި އެއަންހެނުން ވަނީ ޓެރަރިސްޓު ހަމަލާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އިއުތިރާފުވެފަ އެވެ. އަދި އެކަކު ވަނީ އައިއެސްގެ ހަނގުރާމަވެރިންނާ އެކު ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ވެސް އެއްބަސްވެފަ އެވެ.
ނަމަވެސް އެމީހުންގެ ދިފާއީ ވަކީލުން ވަނީ އެއަންހެނުން، އައިއެސް އިން ހިފާފައިވާ ސަރަހައްދުތަކަށް ގެންދިޔައީ އޮޅުވާލައިގެން ކަމަށް ބުނެފަ އެވެ. އަދި އެމައްސަލަ އިސްތިއުނާފު ކުރުމަށް ވަކީލުންނަށް އެއް މަސް ދުވަސް ލިބޭނެ އެވެ.
އައިއެސްއާ ގުޅުމުގެ ތުހުމަތުގައި އިރާގުން ހައްޔަރުކޮށްފައިވާ އަންހެނުންގެ އަދަދު 560 އަށް އަރާ ކަމަށާއި އެގައުމުން ވަނީ 600 ކުޑަކުދިން ވެސް ހައްޔަރުކޮށްފައި ކަމަށް އޭއެފްޕީން ބުންޏެވެ.
އިރާގުގެ އެންޓި ޓެރާ ގާނޫނުގެ ދަށުން އައިއެސްއާ ގުޅުނުކަން ސާބިތުވި ކޮންމެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރެވޭނެ އެވެ. (ބީބީސީ)