މޮސްކޯ (26 ފެބްރުއަރީ): ސީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރިން އެ ގައުމުގެ ގޫތާގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުގެ ދަށުން، ހަނގުރާމަވެރި ގްރޫޕްތަކުގެ ލީޑަރުން ދަނީ ސީރިއާގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަމުން. އެއީ ސީރިއާގެ ސަރުކާރުން ބޮލުގައި އެކަން އެޅުވުމުގެ ގޮތުން." ރަޝިއަން ރިކޮންސިލިއޭޝަން ސެންޓާ ފޯ ސީރިއާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސީރިއާގައި އަނެއްކާ ވެސް ވަނީ ހަމަލާތައް ދޭން ފަށައިފަ އެވެ. އެގޮތުން ސީރިއާގެ އިރުމަތީ ގޫތާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކުންް ދަނީ ސަރުކާރު ސިފައިންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން، 30 ދުވަސް ވަންދެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވައިލައިފަ އެވެ.

ސީރިއާގެ ސަރުކާރުން އެގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެ ނަމަ އެ ގައުމާ ދެކޮޅަށް ހަމަލާދޭނެ ކަމަށް ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން މިމަހު ވަނީި އިންޒާރު ވެސް ދީފަ އެވެ.

މެކްރޮން ވިދާޅުވީ ސީރިއާ އިން އެ ގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަމުގެ އެއްވެސް ހެއްކެއް ފްރާންސްގެ އިދާރާތަކަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

މަސްދަރު : ޕްރެސްޓީވީ