ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ ސިންގަޕޫރު އޮފީހުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުނީޒު މަގާމުން ވަކިކޮށްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކުރެއްވީ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވުމުން ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވި އެވެ.

ޝާހިދު ވިދާޅުވީ އޭނާ އަދި ހުންނެވީ ނޯޓިސް ޕީރިއަޑެއްގައި ކަމަށާއި މުނީޒުގެ ބެލުމުގެ ދަށުގައި ހުރި އެއްޗިއްސާއި ލިޔެކިޔެމުންތައް ހަވާލު ކުރުމަށް ފަހު އޭނާގެ ވަޒީފާ ވަކިވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ކަނޑައަޅާނީ ސިންގަޕޫރު އޮފީހުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެސްޓީއޯގެ ތިން މުވައްޒަފަކު ތަންކޮޅެއް ކުރިން ސަސްޕެންޑް ކުރި އެވެ. ނަމަވެސް އޭރު ސަސްޕެންޑް ކުރި ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސާގެ މަގާމުގައި މިހާރު ހުންނެވި ސަނާ މަންސޫރާއި އެސްޓީއޯގެ ޖެނެރަލް މެނޭޖާ، ހިއުމަން ރިސޯސް އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގަ ހުންނެވި ފާތުމަތު އާޝާނާ ވަނީ އަނބުރާ ވަޒީފާ އަށް ނެރެފަ އެވެ.

ނަމަވެސް، މުނީޒް އަލުން އަނބުރާ ވަޒީފާ އަށް ނެރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައި ނުވާ ކަމަށާއި މުނީޒުގެ ސަސްޕެންޝަން ކެންސަލްކުރުމަށް ރައީސް އޮފީހުން ވަކި އެއްޗެއް އޭރު އަންގަވައިފައިނުވާ ކަމަށް ވެސް ޝާހިދު ކުރިން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެސްޓީއޯގެ ކުރީގެ ޗެއާމަނަކަށް ކުރިން ހުންނެވި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އިސްކޮށްހުންނަވައިގެން، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީކޮށްފައިވަނީ، އެސްޓީއޯއާއިން ޖޮއިންޓް ވެންޗާ ހަދައިފައިވާ މޯކަމް ކުންފުނި މެދުވެރިކޮށް ކަމަށް ދާދިފަހުން އިންޑިއާގެ ދަވީކު މަޖައްލާގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެކުންފުނި އުފެއްދުމަށް ހިއްސާދާރުންގެ ގޮތުގައި ސަނާ އާއި އާޝާން އަދި މުނީޒު ބައިވެރިވެވަޑައިގެންފައިވެ އެވެ.

ނަމަވެސް، އެ ކުންފުންޏަކީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ނުހޯދާ އުފައްދާފައިވާ ކުންފުންޏެއް ކަމަށް އެސްޓީއޯން ބުނެފައިވެ އެވެ.