ރިޔާދު (26 ފެބްރުއަރީ) : ސައުދީ އަރަބިއްޔާގެ އަންހެނުންނަށް އެގައުމުގެ އަސްކަރިއްޔާއިން ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭ ގޮތް ހެދުމަށް އެގައުމުން ނިންމައިފިއެވެ. މިއީ އެގައުމުގައި ފާހަގަކޮށްލެވޭ، ތާރީޚީ ނިންމުމެކެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް ސެކިޔުރިޓީ ޑިވިޝަންް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެގައުމުގެ ސިފައިންގެ މަގާމަށް އަންހެނުންނަށް މިހާރު ކުރިމަތިލެވޭނެ ކަމަށެވެ.

މިއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެގައުމަށް ކަނޑައަޅުއްވާފައިވާ 2030 ގެ ތަސައްވަރުގެ ދަށުން، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ނިންމި މުހިންމު ނިންމުމެކެވެ.

އަންހެނުންނަށް ސިފައިންގެ ވަޒީފާއަށްް ކުރިމަތިލެވޭނީ 12 ޝަރުތެއް ހަމަވެގެން ކަމަށް ސައުދީން ބުންޏެވެ. އެގޮތުން ކުރިމަތިލެވޭނީ ހައިސްކޫލް ނިންމައި، މެޑިކަލް ޓެސްޓުތަކުން ފާސްވާ، އުމުރުން 25 އަހަރާ 35 އަހަރާ ދެމެދުގެ އަންހެނުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބޭރު ގައުމެއްގެ މީހަކާ ކައިވެނިކޮށްގެން އުޅޭ އަންހެނުންނާއި، މީގެ ކުރިން ސަރުކާރުގެ ވަޒީފާއެއްގައި އުޅެފައިވާ އަންހެނުންނަށް ސައުދީ ސިފައިންގެ ވަޒީފާއަށް ކުރިމަތި ނުލެވޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ސައުދީ ވަލީއަހުދުގެ ތަސައްވަރުގެ ދަށުން ދަނީ އިގްތިސާދި ގޮތުންނާއި އަދި އިޖުތިމާއީ ގޮތުންވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، އެގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވާ ވުން ކުޑަކޮށް، އަންހެނުން ބާރުވެރިކޮށް، ޒަމާނީ މުޖުތަމައެއް އުފެއްދުމަކީ ވަލީއަހުދުގެ ތަސައްވަރުގައި ހިމެނޭ ބައެއް ކަންކަމެވެ.

މިދިޔަ މަހު ސައުދީންވަނީ ފުރަތަމަ ފަހަރަށް އެގައުމުގެ އަންހެނުން ފުޓްބޯޅަ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ވެސް ދީފައެވެ. މިދިޔަ އަހަރު ސައުދީން ވަނީ އެގައުމުގައި އަންހެނުންނަށް އެކި އުޅަންދުތައް ދުއްވުމުގެ ހުއްދަ ދީފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް އަންހެނުންނަށް ދަނީ ދެމުންނެވެ.

މަސްދަރު : ރަޝިއާ ޓުޑޭ