މިއަހަރަކީ ދިވެހި ސިނަމާއަށް ވަރަށް ތިޔާގި އަހަރެކެވެ. ތަފާތު ފިލްމުތަކެއް އަހަރު ތެރޭގައި ސިނަމާއަށް ތާވަލު ކުރަމުން ގޮސް އަނެއްކާ ވެސް ތަފާތު ފިލްމެއްގެ މަސައްކަތް ސިނަމާއަށް ގެނައުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ މައްޗަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފިލްމީ ތަރި އަލީ ސީޒަން އަންނަނީ ކުރަމުންނެވެ.

"ފިނިފެންމާ: ޣައްދާރުވީ ކާކު؟" ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސީޒަން ބުންޏެވެ. ސްކްރިޕްޓްގެ މަސައްކަތް ނިންމައި، ރޯދައަށް ފަހުު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސީޒަން ސަންއަށް ބުންޏެވެ.

ފިލްމަކީ ފީޗާ އާޓްގެ ފިލްމެއް ކަމަށާއި ތަފާތު ފިލްމުތައް އަބަދުވެސް ސިނަމާއަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

"ވަރަށް ތަފާތު ފިލްމުތައް ގެންނަން ބޭނުން. އޭގެ ތެރެއިން އެއް ފިލްމު އެއީ އަހުޝަމް. އެ ގޮތަށް ހަމަ މި ފިލްމު ވެގެންދާނީ ވަރަށް ތަފާތު ފިލްމަކަށް. އަބަދުވެސް ވިސްނުމުގައި އިނދޭ މިއަށް ބޭސްކޮށް ފިލްމެއް ހަދަން،" ސީޒަން ބުންޏެވެ.

އޭނާގެ އަމިއަލް ޕްރޮޑަކްޝަން ހައުސް "އެސް ޕްރޮޑަކްޝަނުން" އުފައްދާ އެ ފިލްމުގެ ބަޖެޓަކީ 1.2 މިލިއަން ރުފިޔާއެވެ. ސްޕެޝަލް އިފެކްޓްސް އާއި ސެޓް ވެސް ހަދައިގެން ޝޫޓް ކުރަން ޖެހޭ ފިލްމަކަށް ވުމުން ފަހަރުގައި އެ އަދަދަށް ވުރެ އަގު މައްޗަށް އުފުލިދާނެ ކަމަށް އޭނާ ބުންޏެވެ.

ބެލުންތެރިންނާ ހަމައަށް މި ފިލްމު އަހަރުގެ ފަހުކޮޅު ގެނެސްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ސީޒަން ބުންޏެވެ.

ފިލްމުގައި ހަރަކާތްތެރިވާނެ ކާސްޓުންނަކީ ކޮބައިތޯ ސަން އިން ސުވާލު ކުރުމުން ސީޒަން ބުނީ އެ ފިލްމުގައި ގިނައިން ހަރަކާތްތެރިވާނީ އާ ތަރިން ކަމަށެވެ.

"ތަންކޮޅެއް މެޗުއާޑް ސްޓޯރީއެއް މިއީ. އެހެންވެ އެހާ ޅަކުދިންނެއް ނުތިބޭނެ. ފިލްމުގައި އާ މޫނު ތަކެއް ފެނިގެންދާނެ. ފިލްމުން އަހަރެން ފެނުމަށް ވުރެ ނުފެނުން ގާތީ،" އޭނާ ބުންޏެވެ.

ސީޒަން ބުނީ ފިލްމުގެ ޝޫޓިން މާލޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ފަހަރެއްގައި ފިލްމުގެ ބައެއް މަންޒަރުތައް ހުޅުމާލޭގައި ވެސް ނަގަން ޖެހިދާނެ ކަމަށެވެ.

ފިލްމަކީ ތަފާތު އޭންގަލް އަކުން ފެނިގެންދާނެ ފިލްމެކެވެ. ބެލުންތެރިންނަށް ކަމުދާނެ ގޮތަކަށް ތައްޔާރު ކުރާނެ ފިލްމަކަށް "ފިނިފެންމާ: ޣައްދާރުވީ ކާކު؟" ވެގެންދާނެއެވެ.