އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯލްޓަން އަތުން 3-2 އިން މޮޅުވެ، ތާވަލްގެ އެއް ވަނަ މަޤާމަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

ރޭގެ މެޗުން މޮޅުވެ، ހަ ޕޮއިންޓާއެކު ސިޓީ ތާވަލްގެ އެއް ވަނާގައި އޮތްއިރު، މެޗުން ބަލިވި ބޯލްޓަން އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނާގަ އެވެ.

ބޯލްޓަން ކޮޅަށް ރޭގެ މެޗުގައި ލަނޑުޖެހީ ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ އާއި ބޮސްނިއާގެ ފޯވަޑް އެޑިން ޖެކޯ އަދި ގެރެތު ބެރީ އެވެ. ބޯލްޓަން އަށް ލަނޑު ޖަހައިދިނީ ކްރޮއޭޝިއާގެ ފޯވަޑް އީވާން ކްލަސްނިޗާއި ކެވިން ޑޭވީސް އެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ރޮބަޓޯ މަންޗީނީ ބުނީ މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބުނަސް، ނެރުނު ނަތީޖާގެ ފަރަގު ބޮޑު ނުވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ސިޓީ އަށް ބަދަލުވި ޖެކޯ ޖެހިޖެހިގެން ދެ ވަނަ މެޗުގައި ލަނޑު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ކުޅުން ރަނގަޅު. އަދިވެސް ރަނގަޅު ކުރަން ބޭނުން. ދެ މެޗެއްގެ ފަހުން ރަނގަޅުވާނެ. ޖެކޯ ޖެހިޖެހިގެން ދެވަނަ މެޗުގައި ލަނޑު ޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އޭނާ މެޗްގައި އެ ދައްކާ ކުޅުން ވަރަށް ފުރިހަމަ،" ސިޓީގެ ކޯޗް އިޓަލީގެ ރޮބަޓޯ މަންޗީނީ ބުންޏެވެ.
މި ސީޒަނުގައި ސިޓީ އަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ އަށް ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ 11 އިން ފުރަތަމަ ފަހަރަށް ޖާގަ ދިނެވެ. ނަމަވެސް ފުރަތަމަ މެޗުގައި ޖާދޫ ދައްކައި ދެ ލަނޑު ޖެހި ނަމެސް ރޭގެ މެޗުގައި އަގުއެރޯއަށް އެއްކަމެއްވެސް ކުރެވޭ ވަރެއް ނުވި އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗަތަކަށް ބަލާއިރު، ސްޓޯކް އާއި ނޯވިޗް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ. އަދި ވުލްވްސްއާ ފުލަމް ބައްދަލުކުރި މެޗް 2-0 އިން ކާމިޔާބު ކުރީ ވުލްވްސް އެވެ.