ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ ކިންގް ސަލްމާން މިސްކިތުގެ ތަނބުތަކުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓުތައް މިނިސްޓަރު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ޓްވީޓާ މެދުވެރިކޮށް ގެނެސްދެއްވަމުންނެވެ. މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކިންގް ސަލްމާން މިސްކިިތުގެ ތަނބުތައް ހަދަން ފަށައިފި ކަމަށް ވިދާޅުވެފައެވެ.

މިސްކިތުގެ ކުރިއަށްދާކަމަށް މިނިސްޓަރު ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވައިފައެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ވާއިރު އެ މިސްކިތް އަޅަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މަޝްރޫގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ -- ފޮޓޯ: މިނިސްޓަރު މުއިއްޒު

ކިންގް ސަލްމާން މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގައެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި، 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް އެތަނުގައި ގާއިމުކުރެވިގެންދާނެ އެވެ. މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް އެތަނުގައި ހެދުމަށް ވަނީ ނިންމާފައެވެ.

އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ އެވެ.