26 Feb 2018, 15:49
މާލޭ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް އިއްޔެ ހަވީރު ފެށިިފައިވާއިރު، ރޭ ބައްދަލުކުރީ މާލޭ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.
ރޭގެ މެޗު 2-2 އިން އެއްވަރުވެގެން ނިމުނު އިރު، މާޒިޔާއިން ދެ ގޯލު ޖަހާފައި ވަނިކޮށް ގްރީންއިން ނަތީޖާ ހަމަހަމަކުރީ ފަހު ހަ މިނެޓުގައި ދެ ގޯލު ޖަހައިގެންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ގެއްލިގެން ދިޔައީ އަތުގައި އޮތް މެޗެއް ކަމަށެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާއާ ބައްދަލުކުރި މެޗަށްފަހު މާޒިޔާގެ ކޯޗު އިންމަ ނޫސްވެރިންނާ ވާހަކަ ދައްކަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
"މިކަހަލަ ކަންތައްވެސް ފުޓުބޯޅައިގައި ދިމާވާނެ. މިކަހަލަ ތަޖުރިބާތަކެއް ކުޅުންތެރިންވެސް އެބަޖެހޭ ދަސްކުރަން. އަތުގައި އޮތް މެޗެއް. ޕޮއިންޓަކުން ނިންމާލަން މި ޖެހެނީ،" އިންމަ ބުންޏެވެ.
އިންމަ އިތުރަށް ބުނީ ފުޓުބޯޅައިގައި ރުޅި ކޮންޓްރޯލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރޭގެ މެޗުގައި މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ރުޅި ކޮންޓްރޯލު ނުވެގެން މެޗުގެ ކޮންސަންޓްރޭޝަން ގެއްލުނު ކަމަށެވެ.
ގްރީން ސްޓްރީޓްސްއިން ރޭގެ މެޗަށް ނުކުތީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ. މެޗުގެ ކުރިންވެސް މި ސީޒަނަށް އަމާޒުހުރީ ތަށްޓަކަށް ކަމަށް ސުޒޭން ބުނެފައިވާއިރު، ރޭގެ މެޗަށްފަހު އޭނާ ބުނީ ދަށް ދުވަހެއްގައި މާޒިޔާއާ އެއްވަރުކޮށްލެވުމުން ހިތްހަމަޖެހޭ ކަމަށެވެ.
"ޖުމްލަކޮށް ބަލާއިރު ގްރީން ސްޓްރީޓްސްއަށް ވަރަށް ގޯސް ދުވަހެއް. ވަރަށް އުނދަގޫ ގޮތްގޮތަށް ކުޅެން އުޅުނީ. ހުސްކޮށް މީހާ އޮއްވާވެސް އުނދަގޫކޮށް ދޭ ޕާސް ޖަހަން އުޅުނުތަން ފެނުނީ. ގްރީން ސްޓްރީޓްސްގެ މިހާ ގޯސް ދުވަހެއްގައި ޕޮއިންޓެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ފައިދާއެއް،" ސުޒޭން ބުންޏެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ މާޒިޔާއާ ބައްދަލުކުރި މެޗަށްފަހު ސެޒޭން ނޫސްވެރިންނާ ވާހަކަ ދައްކަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
ސުޒޭން ބުނީ ރޭގެ މެޗުގައި ޓީމުގެ ސްޓްރައިކަރު ތަންކޮޅެއް އެކަހެރިކޮށް ދަނޑުމަތީގައި ފެނުނީ ރާއްޖޭގެ މާހައުލަށް އާވުމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނާ ފަރިތަކުރުންތަކުގައި ދައްކާ ފެންވަރު ނެރޭނެ ކަމަށެވެ.