މާލޭ ލީގުގެ ކުޅުން އިއްޔެ ހަވީރު ފެށީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ވާދަކުރި މެޗުންނެވެ. އިއްޔެގެ މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

ވިކްޓްރީން މި ސީޒަނަށް ނުކުތީ ރާއްޖޭގެ ފުޓުބޯޅައަށް އާ ކޯޗަކާ އެކުގައެއް ނޫނެނެވެ. ހަންގޭރީއަށް އުފަން ނަމަވެސް، ހަމަ 'ދިވެއްސެއް ކަހަލަ' ލާޒްލޯ ކިސް އައުމާއެކު ލީގުގެ ފޯރި އަބަދުވެސް ގަދަވާނެއެވެ. މި ސީޒަންގައިވެސް އޭނާ އަނބުރާ ވިކްޓްރީއާ ހަވާލުވާން އަންނަ ވާހަކަ މީޑިއާގައި ފެތުރުމާއެކު ފުޓުބޯޅައަށް ލޯބިކުރާ ދިވެހިން އިންތިޒާރު ކުރީ އޭނާގެ ޑްރާމާއަށެވެ.

ވިކްޓްރީން ސީޒަންގައި ކުޅުނު ފުރަތަމަ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކާ މެޗާ ދޭތެރޭ ދެކޭ ގޮތުގެ ހިޔާލު ފާޅުކޮށްލަން އޭނާ ބޭނުންވީ 20 ސިކުންތެވެ.

"ފުރަތަމަ ހާފްގައި އަހަރެންގެ ޓީމު ވަރަށް ވަރަށް ރަނގަޅަށް ކުޅުނު. މެޗުގެ ނަތީޖާ 1-0 އިން 2-0 އަކަށް ބަދަލުކޮށްލަން ފުރުސަތު ލިބުނު. އެކަމަކު ދެވަނަ ހާފް ތަފާތު. އީގަލްސްއަކީ ވަރަށް ރަނގަޅު ޓީމެއް. އެކަމަށް މަރުހަބާ ކިޔަން،" ކިސް އޭނާގެ ޕޯސްޓް މެޗު ނިންމާލިއެވެ.

މެޗުގެ ކުރިން ކިސް ބުނީ އޭނާގެ ކުޅުންތެރިންނާ، މުޅި ރާއްޖޭގެ ފުޓުބޯޅައަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް މައްސަލަ ކަމަށެވެ. އިއްޔެ މެޗުގެ ފަހު ހާފުގައިވެސް ކިސް އިރުޝާދު ދިން ވިކްޓްރީއަށް އެ މައްސަލަ ދިމާވިކަން ފާހަގަ ކުރެވިފައިވެއެވެ.

އިއްޔެ މެޗަށްފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ލިބު ނަތީޖާއަށް ވަރަށް އުފާކުރާ ކަމަށެވެ. މީގެ އިތުރުންވެސް ޓީމުގެ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅު ނަމަވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށް މޯހަން ބުންޏެވެ.

މޯހަން ބުނީ ޓީމުގައި ބައެއް އާ ކުޅުންތެރިން ހިމެނިފައި ތިބުމުން ފުރަތަމަ ހާފްގައި ތަންކޮޅެއް ޕްރެޝަރު ބޮޑުވި ކަމަށެވެ. ކޯޗު މޯހަންވަނީ އިއްޔެގެ މެޗުގައި އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު އާރިފް (ބަކާ) ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފައެވެ.