ސްޕެއިންގެ ކާމިޔާބު ކޯޗު، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީން ފުރަތަމަ ތަށި އުފުލާލައިފިއެވެ.

ސިޓީން ރޭ އިނގިރޭސި ލީގު ކަޕު އުފުލާލީ ފައިނަލްގައި ތަފާތު ބޮޑުކޮށް އާސެނަލް ބަލިކޮށްގެންނެވެ. ވެމްބްލީގައި ކުޅުނު ފައިނަލް ސިޓީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ސިޓީން ލީގު ކަޕު އުފުލާލަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗު ފެށިގެންވެސް ޑޮމިނޭޓް ކުރަމުންދިޔަ ސިޓީންވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އާސެނަލްގެ ޖަރުމަން ޑިފެންޑަރު ޝްކޯޑްރަން މުސްތާފީގެ ފަރާތުން ހެދުނު ގޯހުގެ ބޭނުން ފުރިހަމައަށްހިފައި ސިޓީއަށް އެ ގޯލް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯއެވެ.

މެޗުގެ ފުރަތަމަ ހާފް ސިޓީ ކުރީގައި އޮވެ ނިންމާލިއިރު، ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން އެއްވެސް ނުރައްކަލެއް ސިޓީގެ ގޯލަށް ކުރިމަތިކޮށްފައެއް ނުވެއެވެ.

ކޮމްޕެނީގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މެޗުގެ 58 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއެވެ. އޭގެ ހަތް މިނެޓުފަހުން ޑޭވިޑް ސިލްވާ ޖެހި ގޯލާއެކު ސިޓީއަށް ލީގު ކަޕު ޔަގީން ވެގެންދިޔައެވެ.

ރޭގެ ފައިނަލް މެޗުގައި ސިލްވާ ޖެހި ގޯލާއެކު އާސެނަލްގެ ގިނަ ސަޕޯޓަރުންތަކެއް ވެމްބްލީ ދޫކޮށް ގޮސްފައިވާއިރު، އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ރޭގެ ބައްޔަކީ އިތުރު ޕްރެޝަރެކެވެ.

ރޭގެ މެޗަށްފަހު ސިޓީ ކުޅުންތެރިން ލީގު ކަޕުގެ ތަށްޓާއެކު --- ފޮޓޯ/ އޭޕީ

ސިޓީން މި ސީޒަންގެ ޕްރިމިއާ ލީގުގެ އެއްވަނައިގައިވެސް ބޮޑު ލީޑެއް ދަމަހައްޓަމުން އަންނައިރު، މިދިޔަ ހަފްތާ ތެރޭގައި ސިޓީވަނީ އެފްއޭ ކަޕުން ކަޓައިފައެވެ. ސިޓީން އެފްއޭ ކަޕުން ކެޓީ ފަސްވަނަ ބުރުގައި ތިންވަނަ ޑިވިޝަންގެ ވިގަން އެތުލެޓިކް އަތުން ބަލިވެގެންނެވެ.