ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަންގައި އޭއެފްސީ ކޮލިފިކޭޝަންގެ ހަތަރު މެޗެއް ކުޅުމަށްފަހު ޑޮމެސްޓިކް ލީގު ފެށުމަށް މިރޭ ނުކުންނައިރު، ލޯކަލް ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިއަދު ހަވީރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓީސީގެ ކޯޗު، ނިޒާމްބެ ބުނީ މިއަދުގެ މެޗުގައި ޓީސީން ނުކުންނަން މިޖެހެނީ މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމާ ދެކޮޅަށް ކަމަށެވެ.

މިދިޔަ ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރިމެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

"ނިއުރޭޑިއަންޓާ ދެކޮޅަށް ނުކުންނަ މެޗަކީ މިދިޔަ މެޗުތަކާ އަޅާބަލާއިރު މުޅިން ތަފާތު މެޗެއް. މާ ބޮޑަށްވެސް ވާދަވެރިވާނެ. ނިއުރޭޑިއަންޓަށް ބަލާއިރު، އޭއެފްސީ ކަޕަށާއި އެއްކޮށް އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމެއް. ސްކޮޑުވެސް ވަރުގަދަކޮށް ތައްޔާރުވެފައި އޮތީ. ޓީސީއަށް މީ ސީޒަންގެ ފުރަތަމަ މެޗު. އެހެންވީމަ އެކަމަށް ބަލައި މެޗަށް ނުކުންނާނީ. މި މެޗަކީ ސީޒަންގައި ކުރިއަށް ދިޔުމަށް މުހިއްމު ފިޔަވަޅެއް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ލީގުގެ ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ޗެލެންޖަކަށްވުރެ ބޮޑަށް ކުރިމަތިވާނެ އުނދަގޫ ކަމެއް ކަމަށެވެ.

"ނިއުއާއި ދެކޮޅަށް ޓީސީ ނުކުތުމަކީ ޗެލެންޖަކަށްވުރެ ބޮޑަށް ދެޓީމަށްވެސް އުނދަގޫވާނެ ކަމެއް. ދެޓީމަށްވެސް ދެޓީމުގެ ކުޅުން މިދިޔަ ސީޒަންގައި ގިނަ މެޗުތަކެއް ކުޅުމުން އެނގޭނެ. މި ސީޒަނަށް ދެޓީމަށްވެސް ކުޅުން ނޭނގި އޮންނާނީ. ވަކިން ހާއްސަކޮށް ޓީސީއަށް ނިއުގެ ކުޅުން ފެނިފައެއް ނުވޭ މި ސީޒަންގައި. ނިއުއަށް ފެނިފައި ހުންނާނީ ޓީސީ ކުޅުނުތަން. އެކަމަކު އެ ކުޅުމެއް ނޫން ޓީސީ ކުޅޭނީ. އެހެންވީމާ އެ ވެދާނެ ފައިދާއަކަށްވެސް،" ނިޒާމްބެ ފާހަގަކުރިއެވެ.

ނިޒާމްބެ ބުނީ އޭއެފްސީ ކަޕުގައި އެޓީމު ކުޅުނު މެޗުތަކަކީ ތަފާތު ލެވެލްތަކެއްގައި ކުޅުނު މެޗުތަކެއް ކަމަށާއި، އޭގެ ސަބަބުން ވަރަށް ބޮޑެތި ތަޖުރިބާތަކެއް ޓީމަށް ކުރެވިއްޖެ ކަމަށެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި ފުރަތަމަ ލެގު މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީއަށް މި ސީޒަނަށް ގެނައި ކީޕަރަށް އޭއެފްސީ ކަޕުގެ ޕްލިރިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗުގައި އަނިޔާވެފައި ވުމުން، މިއަދުގެ މެޗުގައި ޓީސީގެ ގޯލުން ފެންނާނެ ކަމަށް ބެލެވެނީ ކީޕަރު އިބްރާހީމް ނަދީމެވެ. ޓީސީގެ ބިދޭސީ ކީޕަރަށް އަނިޔާވެފައިވުމުން ޓީމަށް އިތުރު ކީޕަރެއްގެ ގޮތުން ތަޖުރިބާކާރު ކީޕަރު، އިފްރާހް އަރީފް ޓީމަށް ގެނެސްފައިވާއިރު، ނިޒާމްބެ ބުނީ އިފްރާހްގެ ކޮންޑިޝަން އަންނަނީ މުޅިން ފިޓްވަނުން ކަމަށެވެ. އަދި ބިދޭސީ ކީޕަރުވެސް އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި، އޭނާވެސް ފޮނުވާލަން ނުވިސްނާ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ނިމިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕުގެ ދެވަނަވެސް ހޯދީ ޓީސީންނެވެ. މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއެވެ. އެފްއޭ ކަޕާއި ދިވެހި ޕްރިމިއާ ލީގު އަދި ޕްރެސިޑެންޓްސް ކަޕުވެސް ހޯދީ ނިއުރޭޑިއަންޓެވެ.

ނިއުރޭޑިއަންޓާއި ޓީސީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.