22 Aug 2011, 13:41
ކ. ތުނބަފަޅުގައި މައްސަލާގައި މ. ޗަންޕާހެވަން މުހައްމަދު މޫސާ )އުއްޗު( 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ ތުނބަފަޅަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ހުށަނާ ކަމަށް ބުނުމުން، އެ ރަށުގެ ތިމާވެށީގެ ހާލަތު ދެނަގަތުމަށް ކުރި ސާވޭގެ ރިޕޯޓް ޝަރީއަތް މެދުވެރިކޮށް އުއްޗުގެ ވަކީލް އައިޝަތު އާޒިމާ ޝަކޫރަށް މިއަދު ހަވާލުކޮށްފި އެވެ.
ތުނބަފަޅު މައްސަލާގައި އުއްޗު ޖޫރިމަނާ ކުރުމާ ގުޅިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ )އީޕީއޭ(ގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގައި ތުނބަފަޅުގެ ތިމާވެށީގެ ހާލަތު ދެނަގަތުމަށް 2007 އަހަރު ހެދި ސާވޭގެ ރިޕޯޓްގެ ހުށަހެޅުއްވީ ދައުވާ ކުރާ ފަރާތުން ސިވިލް ކޯޓްގައި އެދުމުންނެވެ. އަދި ދައުވާ ކުރާ ފަރާތަށް މިއަދު އެ ރިޕޯޓް ހަވާލު ކުރީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހަޅުއްވާ ނިމުނު ފަހުންނެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ނިހާޔަތު މިއަދު ވިދާޅުވީ ދައުލަތުން އެ ރިޕޯޓް ކޯޓަށް ހުށަހަޅާފައި އޮތް ނަމަވެސް އިދާރީ މައްސަލައަކާ ގުޅިގެން ލަހުން އެ ރިޕޯޓް ހަވާލު ކުރެވުމުން އެ ރިޕޯޓަށް ޖަވާބު ދެއްވުމަށް އާޒިމާއަށް ފުރުސަތު އަރުވާނެ ކަމަށެވެ. އަދި ދައުލަތަށް ވެސް އެ ފުރުސަތު އަރުވާނެ ކަމަށް ވިދާޅުވި. އާޒިމާ ވިދާޅުވީ އެ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު ލިޔުމަކުން ކޯޓަށް ޖަވާބުދާރީވެ ވަޑައިގަނަންވާނެ ކަމަށެވެ.
އީޕީއޭގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އުއްޗު ޖޫރިމަނާކޮށްފައި ވަނީ ތުނބަފަޅަށް ތިމާވެށީގެ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ބަޔާންނުކޮށް ކަމަށެވެ. އަދި އެކަމުގެ ޖަވާބު ދާރީވުމަށް ފުރުސަތު ވެސް ނުދެއްވާ ކަމަށް ދައުވާގައިވެ އެވެ.
ދައުލަތުގެ ވަކީލް އުޝާމް އަހުމަދު ވިދާޅުވީ ދައުވާ ކުރާ ފަރާތް ޖޫރިމަނާ ކުރުމުގެ ކުރިން އެއްވެސް އިރެއްގައި ތުނބަފަޅަށް ލިބިފައިވާ ގެއްލުންތައްކުގެ ތަފްސީލް ހޯދުމަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އުއްޗުގެ ވަކީލް އާޒިމާ އެދުނު ފުރަތަމަ ފަހަރުވެސް އެމަގު ފަހިކޮށްދެއްވާފައިވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އީޕީއޭއިން އުއްޗު 100 މިލިއަން ރުފިޔާއިން ޖޫން 1، 2011 ގައި ޖޫރިމަނާ ކުރީ ކ. ތުނބަފަޅުގައި ތިމާވެށި ގާނޫނާ ޚިލާފަށް ސިނާއީ މަސައްކަތްތަކެއްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދީ, އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އެ ފަޅުގެ ގުދުރަތީ ވެއްޓަށް ކޮށްފައިވާތީ އެވެ. އަދި ޖޫރިމަނާގެ އަދަދު ކަނޑައެޅުމުގައި ބަލާފައިވަނީ ތުނބަފުށީގައި 58784.20 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފައިވުމާއި ތުނބަފުއްޓާ 1.015 ކިލޯމީޓަރު ދުރުގައި އެއް ފަރެއްގައި އޮންނަ ސަރަހައްދުން 706.67 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފައިވާތީ އެވެ.